ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލުމަށްފަހު، ރާއްޖެ ނުދާނެކަމަށް ބުނި ބޮލީވުޑްގެ މަޝްހޫރުތަރި އަކްޝޭ ކުމާރު ރާއްޖެ އަތުވެއްޖެ އެވެ.

މިއަހަރުގެ ކުރީކޮޅު ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރި މައްސަލައިގައި ރާއްޖެ ބޮއިކޮޓް ކުރުމަށް ބޮލީވުޑްގެ ތަރިން ހިމެނޭހެން ވަރަށް ގިނަ އިންޑިއާ ރައްޔިތުން ގޮވާލަމުން ދިޔަ އެވެ. އަދި ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީޕް މާ ރަނގަޅުކަމަށް ބުނެ ޕްރޮމޯޓް ކޮށްފައިވެ އެވެ.

ކުރިން ވަރަށް ގިނައިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަ އަކްޝޭ އަލުން ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފަކު ވަނީ އަކްޝޭއާ އެކު ފޮޓޯ ނަގައި ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ.

އަކްޝޭ މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެ އެގައުމުން ޓޫރިސްޓުން އަންނަ މިންވަރު ބޮޑުތަނުން ދައްވެފައި ވަނިކޮށް އެ ގުޅުން ރަނގަޅުކުރުމަށް ދާދިފަހުން ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބޮލީވުޑްގެ ބައެއް ތަރިންނާއެކު ހަފްލާއެއް ބާއްވަވާފަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ގިނަ ހަރަކާތްތަކެއް ޓޫރިޒަމް މިނިސްޓްރީން އިންޑިއާގައި ކުރިއަށް ގެންދިޔަ އެވެ.