ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންހްއާއި ދީޕިކާ ޕަދުކޯންގެ އަލަތު ދަރިފުޅަށް މުސްލިމް ނަމެއް ކިޔުމުން ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެ އެވެ.

މީގެ ދެ ދުވަހެއް ކުރިން ރަންވީރާއި ދީޕިކާ އެމީހުންގެ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުންގެ ދަރިފުޅަށް ކިޔަނީ ދުއާ ޕަދުކޯން ސިންހް ކަމަށެވެ.

ދަރިފުޅުގެ ނަމަކަށް ދުއާ ކިޔަން ގަސްދުކުރީ އެ ދަރިފުޅު ލިބުމަކީ އެ ދެމީހުންގެ ދުއާ ފުރިހަމަވި ކަމެއް ކަމަށްވާތީ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ދުއާއަކީ އާއްމުކޮށް މުސްލިމުން ބޭނުންކުރާ އަރަބި ނަމަކަށްވާތީ ހިންދޫންގެ މެޖޯރިޓީ އޮންނަ އިންޑިއާގެ ގިނަ ބަޔަކު އަންނަނީ ރަންވީރާއި ދީޕިކާއަށް ފާޑުކިޔަމުންނެވެ.

އެގޮތުން އެ ދެމީހުންނަކީ ހިންދޫ ދީނަށް އަޅުކަންކުރާ ދެމީހުންނަށްވާއިރު ދަރިފުޅުގެ ނަން މުސްލިމް ނަމަކަށް ހެދުމަކީ ލަދުވެތި ކަމެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

"ދުއާ ކިޔަން ބޭނުންނަމަ އެ މާނަ ދޭހަވާ ހިންދޫންގެ ނަންތައް ވެސް އެބަހުރި. މުސްލިމް ނަންތައް ކިޔުމަކީ މިހާރު ފެޝަނެއް" ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވެ އެވެ.

ރަންވީރާއި ދީޕިކާގެ ދަރިފުޅުގެ ނަން ހާމަ ކުރުމުގެ އިތުރުން ވެސް އެ ޕޯސްޓުގައި އެމީހުން ވަނީ ދުއާގެ އެންމެ ފުރަތަމަ ފޮޓޯ ވެސް އާއްމުކޮށްފަ އެވެ.

2018 ވަނަ އަހަރު ކައިވެނި ކުރި ރަންވީރާއި ދީޕިކާއަށް އެމީހުންގެ އަލަތު ދަރިފުޅު ލިބިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ.

މީގެ ކުރިން ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރުގެ ފުރަތަމަ ދަރިފުޅަށް ތައިމުރު އަލީ ޚާން ކިޔުމުން ވެސް އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.