ދިރިއުޅުމަކީ ހަނގުރާމައެއް ފަދަ ކަމެކެވެ. ބައެއް ފަހަރަށް ކާމިޔާބުވެ އެވެ. އަނެއް ބައި ފަހަރު ނާކާމިޔާބީއާ ކުރިމަތިލާން ޖެހެ އެވެ. ހަނގުރާމައެކޭ އެއްފަދައިން ދިރިއުޅުމުގައި ވެސް ކާމިޔާބީއަށް ވާސިލް ވުމަށްޓަކައި ރޭވުންތަކާއި އުކުޅުތައް ބޭނުންވެ އެވެ.
އެގޮތުން އެންމެ ފުރުތަމަ ކަމަކީ ހަޔާތުގެ މަގުސަދު ނުވަތަ ލަނޑުދަނޑި ކަނޑައެޅުމެވެ. ހާސިލްކުރަން ބޭނުންވާ ކަންކަމާއި ވާސިލް ވުމަށް ހިތް އެދޭ އަމާޒުތައް ހިތުގައި އަށަގަންނެވުމެވެ. މިކަމުން ކުރިއަށް ދާންވީ މަގު ސާފުވެ ދިރިއުޅުމުގެ ހަނގުރާމައިގައި ބޭނުން ކުރަންވީ "އުކުޅުތައް" ނިންމަން ފަސޭހަ ވެގެންދެ އެވެ.
އެއާއެކު ދެން އޮތް ކަމަކީ ހަނގުރާމައިގެ މަގުޗާޓު އަތުރާލުމެވެ. ލަނޑުދަނޑިތައް ހާސިލް ކުރަންޖެހޭ ސުންގަޑިތަކާއި އެކަންކަން ހާސިލްކުރަން ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތައް ރާވާލުމެވެ.
މިހާ ހިސާބުން ކާމިޔާބީއާ ހަމައަށް ވާސިލްވާން އަމަލު ކުރަންޖެހޭނެ ގޮތް އޮންނާނީ ތިބާގެ ހިތުގައި ބިންވަޅު ނެގިފަ އެވެ. އެ ދަތުރުގައި ކުރިމަތިވާނެ އުސްގަނޑުތަކާއި އަޑިގަނޑުތައް ވެސް ހިޔާލަށް ގެނެވިފަ އެވެ.
އެއަށްފަހު ދެން އޮތީ އެންމެ މުހިއްމު ކަންތަކެވެ. އެއީ އަތުރާލި މަގުޗާޓަށް އަމަލު ކުރަން ފެށުމެވެ. ތައްޔާރީތަކާއެކު ހަނގުރާމައިގެ މައިދާނަށް ނުކުތުމެވެ.
ވަޒީފާއާއި މަސައްކަތުގެ މާހައުލެވެ. އާއިލާއާއި އިޖުތިމާއީ ގުޅުންތަކެވެ. ދީނާއި އަމިއްލަ ނަފްސުގެ ކުރިއެރުމެވެ. މިއީ ހައްތާވެސް އެ މައިދާނުގައި ކުރިމަތިލާން ޖެހޭނެ ކަންކަމެވެ. މިކަންކަމުގައި ހަމަހަމަކަން ގެންގުޅުން ވަރަށް މުހިއްމެވެ.
ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ހުރިހާ ކަމެއް ތިބާ ރޭވި ގޮތަށް ހުރިހާ ކަމެއް ނުވެދާނެ ކަމެވެ. ދިރިއުޅުމުގައި ކުރިމަތިވާ ބައެއް ހާލަތްތަކަކީ ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަންކަމަށް ތައްޔާރު ނުވެވޭނެ ހާލަތްތައް ކަމެވެ.
އެހެން ނަމަވެސް އެފަދަ ހާލަތެއް މެދުވެރިވުމުން އެކަމުން އަރައިގަނެ އަލުން އަނބުރާ މަގުޗާޓަށް އަރަން ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެ އެވެ.
އެއާއެކު ލިބޭ ކާމިޔާބީތައް ފާހަގަ ކުރުމުގެ މުހިއްމުކަން ވެސް ފާހަގަ ކޮށްލަމެވެ. ލިބޭ ކުދިކުދި ކުރިއެރުންތައް ފާހަގަކޮށް އެކަންކަމުން ހިތްވަރު ލިބިގަންނަން ޖެހޭނެ އެވެ.
ކޮންމެއަކަސް ދިރިއުޅުމުގެ ހަނގުރާމައަކީ ކޮންމެ މީހަކު ވެސް އެ ހަނގުރާމައިން ކާމިޔާބީއަށް އެދޭނެ ހަނގުރާމަ އެކެވެ. އެ ކާމިޔާބީއަކީ ދުނިޔޭގެ އުފާވެރިކަމާއި އާޚިރަތުގެ ބާއްޖަވެރި ކަމެވެ.