ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމާ ދިމާކޮށް "ހުރިހާ" އިން ކުރިޔަށް ގެންދިޔަ ކިޔުންތެރިންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން 74 ޕަސެންޓް މީހުންނަށް މިވެރިކަން ކަމުނުދާ ކަމަށް ބުނެފި އެވެ.

މިމަހުގެ ނުވަނަ ދުވަހުން ފެށިގެން ރޭގެ 12:00 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުގައި 2771 މީހުން ވޯޓު ދީފައިވެ އެވެ. އޭގެ ތެރެއިން 2059 މީހުން (%74) ބުނީ މިވެރިކަން ކަމުނުދާ ކަމަށެވެ. މިވެރިކަން ވަރަށް ރަނގަޅު ކަމަށް ބުނެ ވޯޓު ދީފައި ވަނީ 503 މީހުންނެވެ. އެއީ އެންމެ 18 ޕަސެންޓެވެ. އަދި މެދުމިންގެ ހިޔާލުތައް ދައްކާ ގޮތުން 209 މީހަކު މިވެރިކަން އެންމެ ރަނގަޅު ކަމަށް ބުނެ ވޯޓުދީފައިވެ އެވެ. އެކަމަކު އެއީ އެންމެ 8 ޕަސެންޓެވެ.

ތަފާތު އެކިއެކި ކަންކަމާ ގުޅުވައިގެން "ހުރިހާ" އިން މީގެ ކުރިން ވެސް ހިޔާލު ހޯދުމުގެ ވޯޓުތައް ކުރިޔަށް ގެންދިޔަ އެވެ. މިގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އަދި މިނޫން ވެސް ގައުމުގެ އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ ވޯޓުތައް މީގެ ކުރިން ވެސް ކުރިޔަށް ގެންދިޔަ އެވެ. އަދި ކުޑަ ތަފާތެއް ހުރި ނަމަވެސް ގިނަ ކަންކަން ނިމިފައި ހުރީ އެ ވޯޓުތަކާ އެއްގޮތަށް ކަން ވެސް ފާހަގަކުރެވެ އެވެ.