އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ވަކިވަކި ރަށްތަކުގައި ހިންގާނެ މަޝްރޫއުތަކުގެ ތަފުސީލު ނެތުމަކީ މައްސަލައެއް ނޫންކަމަށް މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ބަޖެޓުގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފުސީލު ނުހިމަނައި، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް މަދުވުމުން ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބަޖެޓުގައި ވަނީ ޕީއެސްއައިޕީ މަޝްރޫއުގެ ގޮތުގައި ހިމަނާފައި ވަނީ ހިނގަމުން އަންނަ 396 މަޝްރޫއުއަކާއި މުޅިން އަލަށް ފަށާ 299 މަޝްރޫއަކާ އެކު ޖުމުލަ 695 މަޝްރޫއު އެވެ. ނަމަވެސް އެ މަޝްރޫއުތަކުގެ ތަފްސީލު ހިމަނާފައިނެތުމުން އެއީ ކޮން މަޝްރޫއުތަކެއް ކަމެއް ނޭނގެ އެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ ރަށްތަކުގައި ހިންގާނެ މަޝްރޫއުތަކުގެ ތަފްސީލު ނެތުމަކީ މައްސަލައެއް ނޫންކަމަށާއި ބޭނުންވަނީ އެ ރަށްތަކުގައި ހިންގަންޖެހޭ މަޝްރޫއުތައް ރަނގަޅަށް ހިންގައި ތަންފީޒުކުރެވުންކަމަށެވެ.
ތަފުސީލު ހިމަނާފައިނުވާ މައްސަލަ ދިފާއު ކުރައްވަމުން ނާޒިމް ވަނީ ބަޖެޓުގައި އެ މަޝްރޫއުތަކުގެ ތަފުސީލުތައް ހިމަނައިގެން ހާސިލުކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދަވާފަ އެވެ.
މިފަދައިން ބަޖެޓުގައި ހިމަނާ މަޝްރޫއުތައް ނުނިމެނީ އެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ބޭނުންވާ މާލީ އަދި އިގުތިސާދީ ގާބިލުކަން ދިވެހި ގައުމުގައި ނެތުމުންކަމަށާއި ރައްޔިތުންގެ ލޮލުގައި އަނދުނެއް އެޅުވުމަށް ބަޖެޓުގައި މަޝްރޫއުތަކެއް ހިމެނުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވަނީ ރަށްރަށުގައި ފަށާފައިވާ ގިނަ ޕްރޮޖެކްޓްތަކެއް ހުއްޓާލާފަ އެވެ. އެކަމުގެ ކަންބޮޑުވުން ރަށްރަށުގެ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.