އާސަންދަ އުސޫލަށް ގެނައި ބަދަލާއި ގުޅިގެން 500 މިލިއަން ސަލާމަތްކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހު 1 އިން ފެށިގެން ސިއްހީ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދާ ބަލިމީހުންނަށް އާސަންދަ ލިބޭނީ އަމިއްލަ އިންޝުއަރެންސް އޮންނަ ނަމަ އެ އިންޝުއަރެންސްއަށް ކެނޑުމަށް ފަހުކަމަށް ވަނީ ނިންމާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ބެއްލެވުމަށް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހަށް ވަޑައިގަތުމަށްފަހު، މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ވިދާޅުވީ އާސަންދަ ހިދުމަތަށް ބަދަލު ގެނައީ އެ ހިދުމަތުން އިސްރާފުވާ ފައިސާ މަދުކުރަން ކަމަށެވެ. އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭ ހިދުމަތަށް ބަދަލު ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ފަށާފައިވާ ބަލްކް ޕްރޮކިއުމަންޓާއި މިހާރު ރާވާފައި ހުރި ބައެއް ކަހަލަ ރިފޯމްއާ އެކު އާންމު ރައްޔިތުންނަށް ލިބޭ ހިދުމަތަށް ބަދަލު ނައިސް، ނުވަތަ އަތުން އިތުރު ފައިސާ ދައްކަން ނުޖެހި ހިދުމަތް ލިބޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން ކުރިން މި ދެންނެވިހެން ލީކޭޖް ރަނގަޅުކޮށްގެން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 500 މިލިއަނާ ގާތަށް ސޭވް ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ ތަފާސްހިސާބުތަކުން ދައްކާ،" ޒަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ރިކަރެންޓު ހަރަދުގެ 5.1 އިންސައްތަ ހިއްސާކުރަނީ އާސަންދައަށް ކުރާ ހޭދަ އެވެ.