އުއްމީދުތަކެއްގެ އަލީގައި މި ސަރުކާރު ގެނައި ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ތިބީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ނަސީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން އެ މެންބަރު ވިދާޅުވީ ސަރުކާރަށް އެއް އަހަރުވެގެން ދިޔައިރު ގިނަ ދާއިރާގެ ރައްޔިތުން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ. އަދި އެ ދާއިރާތަކުގެ ސިއްހީ ނިޒާމަށް ބޭނުންވާ ހޮސްޕިޓަލްތަކާއި ތައުލީމީ ދާއިރާއަށް ބޭނުންވާ ހޮސްޕިޓަލުތައް، މަގުހެދުމާއި ނަރުދަމާގެ މަސައްކަތްތައް ހުއްޓިފައިވާ ސަބަބު ރައްޔިތުންނަށް ކިޔާދޭން ޖެހޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ނަސީރު ވިދާޅުވީ ވޭތުދިޔަ 5 އަހަރުގައި ބޮޑެތި ވައްކަންތަކެއް ކުރުމުގެ ސަބަބުން ރައްޔިތުންނާ ގުޅޭ ތަރައްގީގެ ކަންކަން ހުއްޓުނީ ކީއްވެކަން ރައްޔިތުންނާ ހަމައަށް ތަފްސީލީ ސިފައެއްގައި ގެނެސްދޭން ޖެހޭ ކަމަށެވެ. އަދި ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ވުރެ ރައްޔިތުންނަށް މިކަން ވިސްނާދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު މި ވާހަކަ ދައްކާފައިވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ ބަހުސްގައި ވާހަކަފުޅު ދައްކަވުމުންނެވެ.