ރައްޔިތުންގެ މަޖިލީހުން ހަ ގަޑިއިރުތެރޭގައި ގާނޫނުއަސާސީ އިސްލާހުކޮށް ހެދީ ދުނިޔޭގެ ރެކޯޑެއްތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސުވާލު ކުރައްވައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ އެއްގެވުމަށް ކުއްލިގޮތަކަށް އަވަސް އަރުވާލައިގެން ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކަކީ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުމަށާއި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުމުގެ އިތުރުން ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ބަދަލުކުރުމެވެ.
މަޖިލީހަށް ބިލު ހުށަހެޅުމާއިއެކު އިއްޔެ ބިލަށް ބަހުސްކޮށް ނިންމާ މަޖިލީހުގެ މުޅި ކޮމިޓީން ފާސްކޮށް، ހަވީރު އިތުރު ޖަލްސާއެއް ބާއްވައިގެން ވަނީ ގާނޫނުއަސާސީ އިސްލާހުކުރަން ފާސްކޮށްފައި އެވެ. މަޖިލީހުން ނިންމުމާއެކު ރައީސް ވަނީ އެ ބިލު ތަސްދީގު ކުރައްވާފަ އެވެ.
މިކަމާއި ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ކުރީގެ ރައީސް މައުމޫން ވެސް ވަނީ މިކަމާއި ގުޅިގެން ޕޯސްޓެއް ކުރައްވާފަ އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ހަ ގަޑިއިރު ތެރޭގައި ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި އިސްލާހު ފާސްކުރުން - ދުނިޔޭގެ ރިކޯޑެއްތޯ،" އެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫންގެ ދަރިކަލުން އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫންވެސް ވަނީ މަޖިލިސް މެންބަރުންގެ ގޮނޑިގެއްލޭގޮތަށް ގެނައި އިސްލާހާއި ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ގޮވާލައްވާފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެގާރަ ޖަމިއްޔާއަކުންވެސް ވަނީ އިއްޔެ ގާނޫނުއަސާސީއަށް އިސްލާހު ގެންއުމުގައި ސަރުކާރާއި މަޖިލީހުން އަމަލުކުރިގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ. ޖަމިއްޔާތަކުން ވަނީ ރައްޔިތުންގެ ހިޔާލަށް ފުރުސަތު ނުދިނުމުން އެކަން ކުށްވެރިކޮށްފައި އެވެ.
މިކަމާއި ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ މަޖިލިސް ކުރާ ގެ ސަރަހައްދުގައި މުޒާހަރާވެސް ކޮށްފައި އެވެ. އޭގެ އިތުރުން އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނެފައިވަނީ އިއްޔެ މަޖިލީހުން އަމަލުކުރީ ޑީމޮކްރެޓިކް އުސޫލުތަކާއި ހިލާފަށް ވަރަށް ހުދުމުހުތާރުކޮށްކަމަށެވެ.
މެންބަރުން އަމިއްލައަށް ސަންދޯކަށް އެރި މޮހޮރުޖެހީ. އެ ވެސް ދުނިޔޭގެ ރެކޯޑެއް
ޜާޢްޖޭގައި އިލެކްޝަން އިންތިޙާބް ބާއްވާނެ ކަމެއްނެއް