ކައިވެނި ކޮށްގެން އުޅޭ ފިރިހެނުން މުސްކުޅިވާ މިންވަރު އެ ނޫން ފިރިހެނުންނަށްވުރެ ނިސްބަތުން ލަސް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިންޓަނޭޝަނަލް ސޯޝަލް ވޯކް ޖާނަލްގައި ޝާއިއު ކޮށްފައިވާ އެ ދިރާސާގައި ބުނެފައިވަނީ ކައިވެނީގެ ސަބަބުން ފިރިހެނުންގެ ހަށިގަނޑަށް ބޮޑު ބަދަލުތަކެއް އަންނަ ކަމަށާއި ނަތީޖާއަކަށްވަނީ މުސްކުޅިވާ ރޭޓު ދަށްވުން ކަމަށެވެ.

އެގޮތުން ކައިވެނީގެ މަތީގައި ދެމިހުރެއްޖެނަމަ އުމުރުން ދުވަސްވާރަކަށް ސިއްހަތު ވެސް ރަނގަޅަށް ހުރުން ގާތް ކަމަށާއި މުސްކުޅިކަމުގެ އަލާމާތްތައް ވެސް މަދުވުން އެކަށީގެންވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި އަސަރު ކުރަނީ ކައިވެނީގެ މަތީގައި ދިގު މުއްދަތަކަށް ދެމިހުރެވިއްޖެ ނަމަ އެވެ. ވަރިވެގެން ނުވަތަ އަނބިމީހާ މަރުވުމުން ކައިވެނި އުވިއްޖެނަމަ އޭގެ އިދިކޮޅު އަސަރުކުރާ ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.

ފިރިހެނުންނާ ހިލާފަށް އަންހެނުންނަށް ބަލާއިރު ކައިވެނި ކޮށްގެން އުޅޭ އަންހެނުންނާއި އެ ނޫން އަންހެނުން މުސްކުޅިވުމުގައި ވަކި ތަފާތެއް ފާހަގަވެފައިނުވާ ކަމަށް ދިރާސާގެ ނަތީޖާތަކުން ދައްކަ އެވެ.

މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން ވެސް ކައިވެނީގެ ސަބަބުން ދެމަފިރިންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ފައިދާ ކުރާކަން ސާބިތުވެފައިވެ އެވެ.