އަމާނާތްތެރިކަމާއި ބުރަ މަސައްކަތަކީ ކާމިޔާބުގެ ތަޅުދަނޑި އެވެ. އެއީ ޓީޗަރެއްގެ ހުންނަންވާނެ މުހިންމު ދެ ސިފަ އެވެ. އޭނާގެ މައްޗަށް ތިބޭ ވެރިން އޭނާގެ ގާބިލްކަމަށް ތައުރީފު ކުރެ އެވެ. ބަހާއި އަމަލު ދިމާވާތީ ދަރިންވަރުންގެ އިތުބާރާއި އިހުތިރާމް ވެސް ވަނީ އޭނާއަށް ލިބިފަ އެވެ. ކިޔަވައިދޭ ދަރިވަރުން އޭނާގެ 3 ގަޑިއިރުގެ ކުލާސް ނިންމައިފައި ދަނީ ފޫހިކަމެއް ނެތި ޖެހިގެން އޮންނަ ކުލާހަށް އިންތިޒާރު ކުރަމުންނެވެ. އޭނާއަކީ މަސައްކަތް ދެކެ ލޯބިވާ ހަރުދަނާ ހަމަތަކަކާއި އުސޫލުތަކެއް ހިފަހައްޓާ ހިންގުންތެރިއެކެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީންގެ މަގާމުގައި މިވަގުތު ހުންނެވި ޑރ. އައިޝަތު ޝިނާ، މއ. ޑޯންލައިޓްއަކީ، ބޮޑު އާއިލާއަކަށް އުފަން، މަންމައާއި ބައްޕައަށް ލިބިފައިވާ 10 ކުދިންގެ ތެރެއިން 5 ވަނަ ކުއްޖާ އެވެ. އާއިލާގެ ތެރެއިން ލިބުނު ލޯތްބަކީ އޭނާއަށް މިއަދު ލިބިފައިވާ އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ އަސްލެވެ. އުފާވެރި މޫނަކާއިގެން މީހުންނާ ބައްދަލުކުރާ ޑރ. ޝިނާ އެންމެ ކުރާހިތްވި މަސައްކަތަކީ ކިޔަވައިދިނުމެވެ.
އޭނާއަކީ އަމީނިޔާ ސްކޫލްގައި ކިޔެވި ދުވަސްވަރު ޓީޗަރުންގެ މަސައްކަތް ގާތުން ބަލައި އެބޭފުޅުންގެ ހަރަކާތްތައް ކޮޕީކުރާ ދަރިވަރެކެވެ.
"ހަގީގަތުގައި ކިޔަވައިދިނުމަކީ އަޅުގަނޑުގެ ޕެޝަން (ޝައުގުވެރިވާ މަސައްކަތް). ސްކޫލްގައި އުޅުނުއިރު ޓީޗަރުން ކިޔަވައިދޭ ގޮތް ވަރަށް ބަލަން. ގޭގައި ލިބޭ ހުސް ވަގުތުތަކުގައި ލޯގަނޑު ކުރިމަތީ ދޯޕައްޓާ އަޅައިގެން ޓީޗަރުން އުޅޭގޮތަށް އުޅުވޭތޯ ވެސް ބަލަން. އަދި ގޭކުދިން އެއްކޮށްގެން ޓީޗަރަކަށް ވެގެން ކިޔަވައިދީ ވެސް ހަދަން،" މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު މިއަހަރު ހޯއްދެވި ޑރ. ޝިނާ ޓީޗިންއަށް ޝައުގުގުވެރިވި ގޮތް ހިއްސާކޮށްލެއްވީ މިހެންނެވެ.
ސްކޫލުގެ އިސްމަގާމުތަކުން ލީޑާޝިޕް ދަސްވި
އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލްކުރެއްވި ޑރ. ޝިނާ ފާހަގަކޮށްލެވެނީ ހުރިހާ ކުދިންނާ ވެސް ގުޅިގެން، ސްކޫލްގެ ގިނަ ހަރަކާތްތަކެއްގައި އިސްރޯލެއް އަދާކުރެއްވި، ލީޑަރެއްގެ ގޮތުގަ އެވެ. އޭނާއަކީ ގާލްގައިޑެކެވެ. ސްކޫލް ތަމްސީލުކުރާ ގިނަ ކުޅިވަރު ހަރާކާތްތަކަކުން އަމީނިޔާއަށް އެކި ވަނަތައް ހޯއްދަވައިދެއްވި، އަމީނިޔާ ފަޚުރުވެރިވާ ފަދަ ދަރިވަރެކެވެ.
އޭނާ ބައިވެރިވި ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ އިންޓަ ސްކޫލް އެތްލެޓިކްސް، އިންޓަ ސްކޫލް ބެޑްމިންޓަން، އަދި އިންޓަ ހައުސް ނެޓްބޯލް އެވެ. އޭނާގެ ހުނަރާއި ގާބިލްކަމުގެ ސަބަބުން ގްރޭޑް ނުވައެއްގައި ޕްރިފެކްޓްކަމާއި އޭނާ ނިސްބަތްވާ ދާއިންކަނބާ ހައުސްގެ ގޭމްސް ކެޕްޓަންކަން ލިބުނެވެ. އަދި ގްރޭޑް 10 ގައި އުޅުނުއިރު ދާއިންކަނބާ ހައުސްގެ ކެޕްޓަންކަން ލިބުނު ހިސާބަކީ އޭނާ އަމިއްލައަށް ކަންކަން ރާވަން ދަސްވެ، "ގްރޯވާން" (ބޮޑުވާން) ފެށި ހިސާބުކަމުގައި ފާހަގަކުރެއްވި އެވެ.
"އެޒަމާނާއި މިޒަމާނާއި ވަރަށް ތަފާތު. ހައުސްއިން ހިންގާ ކަންކަމާއި ހަވާލުވެގެން ޓީޗަރެއް ހުންނާނެ. އެކަމަކު ހުރިހާ ހަރަކާތްތަކެއް ހިންގަން ޖެހޭނީ ކެޕްޓަން. އެއީ ހަގީގަތުގައި ލީޑަޝިޕް ބިލްޑްކުރަން (ބިނާކުރަން) އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް. ބަޔަކު ގޮވައިގެން އުޅެން ދަސްވި. އަޅުގަނޑުގެ ލީޑާޝިޕް ބިލްޑްވެގެން އައީ ހަގީގަތުގައި އަމީނިއްޔާ ސްކޫލުންނޭ ބުނެވޭނީ. ކްރެޑިޓް ހަމަ ދޭންޖެހޭ އަމީނިއްޔާ ސްކޫލަށް، އޭރުގެ މެނޭޖްމަންޓަށް،" ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ ނެޓްބޯލް ޓީމަށް ވެސް ކުޅުއްވި ޑރ. ޝިނާ ވިދާޅުވި އެވެ.
ސްކޫލް ނިމުމަށްފަހު ވެސް އޭނާ ޓީމްތަކަށް ބާސްކެޓާއި ބެޑްމިންޓަން އަދި ނެޓްބޯލް ކުޅުއްވި އެވެ. އަދި މިހާރު ވެސް އޭނާއަކީ ހުޅުމާލޭ ރެހެންދި ސްކޫލްގެ ޕޭރަންޓްސް ނެޓްބޯލް ޓީމްގެ ކުޅުންތެރިއެކެވެ.
ޕްރައިމަރީ ޓީޗިންގް އިން ދާއިރާއަށް ވަދެވުނު
ސްކޫލް ނިމުމަށްފަހު ޕްރައިމަރީ ޓީޗިން ކޯސް ފުރިހަމަ ކުރެއްވި އެވެ. އަދި ފުރަތަމަ ވަޒީފާއަކަށް ނުކުންނެވީ 1996 ގައި ޖަމާލުދީން ސްކޫލުގެ ޓީޗަރަކަށެވެ. އެ ސްކޫލުގައި މަސައްކަތް ކުރެއްވިއިރު ދަރިވަރުންނާއި މުއާމަލާތް ކުރެއްވުމުގައި، ކުދިން ތަފާތު ކުރުމެއްނެތި ހަމަހަމަކަން ގެންގުޅުމަށް އޭނާ އިސްކަންދެއްވި އެވެ. މުއާމަލާތު ކުރެއްވުމުގައި ކުދިންގެ މިޒާޖު ދެނެގަނެ ކެތްތެރިކަން އިސްކުރެއްވި އެވެ. ޖަމާލުއްދީން ސްކޫލުގައި ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާގައި ފަސް އަހަރު ފުރިހަމަވުމުން، އެ ސްކޫލުގެ ސުޕަވައިޒަރެއްގެ މަގާމަށް އިސްކުރެވުނެވެ. އޭރު އޭނާއަކީ އެސްކޫލްގެ ކޮއިމަލާ ހައުސްގެ ޓީޗާއިންޗާޖް ވެސް މެ އެވެ.
"އެޒަމާނަކީ އެޕްލައިކޮށްގެން މަގާމުގެ ކުރިއެރުން ލިބޭއިރެއް ނޫން. ސްކޫލުގެ އިސްވެރިންނަށް އަޅުގަނޑުގެ މަސައްކަތް ރަނގަޅުކަމަށް ފެނިގެން ޕްރޮމޯޓް ކުރީ،" ޖަމާލުއްދީން ސްކޫލުގައި ގާތްގަނޑަކަށް ނުވަ އަހަރާއި އަށް މަސްދުވަހު މަސައްކަތް ކުރެއްވި ޑރ. ޝިނާ ކިޔައިދެއްވި އެވެ.
ޕްރައިމަރީން ލިބުނު ހިތްހަމަ ޖެހުމާއިއެކު ސެކަންޑަރީއަށް
ކިޔެވިފައިވާ ހިސާބުގައި ހުއްޓިހުރުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާ ގޮތެއް ނޫނެވެ. ދުނިޔެއަށް އަންނަ ކުރިއެރުމާއި ތަރައްގީއަށް އަހުލުވެރިވުމަށްޓަކައި ފޮތްކިއުމަށް އޭނާ އިސްކަންދެއްވި އެވެ. އަބަދުވެސް އާ މައުލޫމާތު ހޯދައި ކިޔަވައި ދިނުމަށް ބޭނުންކުރާ އެންމެ ފަހުގެ އާ ޓެކްނޮލޮޖީއަށް އަހުލުވެރިވުމަކީ ދާއިރާއިން ކުރިއަށް ދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެގޮތުގެ މަތީން އެ ވިސްނުން ކުރިއަށް ނެރެ، ޑރ. ޝިނާ ދެން ބޭނުންވީ ސެކަންޑަރީ ޓީޗިންއިން ކުރިއަށް ދިއުމަށެވެ.
"މި ދާއިރާއިން އިތުރަށް ކުރިއަށް ދިއުމުގެ ނިޔަތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއިން އިންގްލިޝް ލޭންގުއޭޖް ޑިގްރީ ހެދީ. އެއަށްފަހު ދެން އަޅުގަނޑު ބަދަލުވީ ދަރުމަވަންތަ ސްކޫލުގެ ލީޑިން ޓީޗަރަކަށް. ގާތްގަނޑަކަށް ދޮޅުއަހަރު ކިޔަވައިދިނުމުގައި އުޅުނިން،" ކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރުމަކީ މުހިންމުކަމެއް ކަމުގައި އަބަދުވެސް ދެކިލައްވާ ޑރ. ޝިނާ ވިދާޅުވި އެވެ.
ކިޔަވައިދޭ މަރުކަޒެއްގެ ކާމިޔާބު ގުޅިފައި ވަނީ އެ ތަނެއްގައި ގާބިލް ހިންގުންތެރިންވާ ނަމަ އެވެ. ދަރުމަވަންތަ ސްކޫލުގައި ކިޔަވައި ދެއްވަމުން ދަނިކޮށް 2010ގައި މެލޭޝިއާގެ ޔުނިވާސިޓީ މަލަޔާގައި އެޑިއުކޭޝަނަލް މެނޭޖްމަންޓް ކޯހެއް ހަދަން ފުރުސަތުލިބިގެން ދިޔަ އެވެ.
"ޔުނިވާސިޓީ އޮފް މަލަޔާއަށް ރާއްޖޭން ފޮނުވި ފުރަތަމަ ބެޗް އެއީ. މާސްޓާސް ނިންމާފައި އައިއިރު ހާލަތު ނިޔާކުރި ގޮތުން ވިލާ ކޮލެޖާއި ގުޅުނީ. ވިލާ ކޮލެޖުގައި 2012 އިން 2015 އެ ތާނގެ ސެންޓާ ފޯ އިންގްލިޝް ލޭންގުއޭޖް ސަޕޯޓްގައި މަސައްކަތް ކުރިން،" އޭނާ ވިދާޅުވި އެވެ.
ހިންގުމުގެ ދާއިރާއިން ޔުނިވާސިޓީއަށް
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އުފެއްދުމަށްޓަކައި 2015 ގައި ހުޅުވާލި ފުރުސަތުތަކެއްގައި އޭނާ ދެން ބަދަލުވީ އެ ޔުނިވާސިޓީގެ ލޭންގުއޭޖް ލާނިން ސެންޓާގެ ޑީންގެ މަގާމަށެވެ. އެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް ޔުނިވާސިޓީގެ އޭރުގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، ޕީއެޗްޑީގެ ފަސް ފުރުސަތު ހުޅުވާލެއްވި އެވެ. އޭގެ ތެރެއިން ލިބުނު ފުރުސަތެއްގައި ބުރުނާއީއަށް ޕީއެޗްޑީ ހަދަން ދިއުމުގެ ފުރުސަތު އޭނާއަށް ލިބިގެން ދިޔަ އެވެ.
ކިޔަވައި ނިމިގެން އެނބުރި އައިސް ޔުނިވާސިޓީއާއި އަލުން ގުޅި މިހާރު ހަވާލުވެ ހުންނެވީ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީންގެ މަގާމާ އެވެ. އެ ޔުނިވާސިޓީއަކީ އެންމެ ގިނަ ކޯސްތައް ހިންގަމުންގެންދާ އަދި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކުއްލިއްޔާ އެވެ.
ފަހަކަށް އައިސް ރާއްޖޭގައި ގިނަ އިންސްޓިޓިއުޝަންތަކެއް ހުޅުވުމުގެ ސަބަބުން ސްކޫލް ނިންމާ ކުދިން އެކި ދިމާލަށް ބެހިގެންދާކަމާއި، އިސްލާމިކް ޔުނިވާސިޓީއިން ހިންގާ ކޯސްތަކަށް ވަންނަ ފެންވަރު ރަނގަޅު ކުދިން ނިސްބަތުން މަދުވެގެން ދިއަކަން އޭނަ ފާހަގަ ކުރެއްވި އެވެ. ތައުލީމީ ގާބިލު ކުދިން، ޓީޗިން ދާއިރާއަށް ނުލިބުމަކީ އެބޭފުޅާގެ ބޮޑު ކަންބޮޑުވުމެކެވެ. އެހެން ނަމަވެސް މިހާރު އަންނަނީ އެކަން ރަނގަޅުވަމުން ކަމަށާއި، އަދުގެ ސަރުކާރުން ދާދިފަހުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެއްގެ ސަބަބުން އޭލްވެލް ހަދަމުންދާ 64 ދަރިވަރުން ޓީޗިންގެ ފައުންޑޭޝަންއަށް ރަޖިސްޓްރީވެފައި ތިބިކަމީ "ހެޔޮފާލެއް،" ކަމަށް އޭނާ ސިފަކުރެއްވި އެވެ.
"ކިޔަވައި ދިނުމުގައި ވަރަށް އުފާވެރި ދުވަސްތަކެއް ހޭދަކުރެވުނުކަމުގެ އިހުސާސްވޭ މިއަދު. މި މަގާމުގައި ހުރިކަމުގައި ވިއަސް އަދިވެސް ކިޔަވައިދެން. އެކިފަހަރު އެކި މޮޑިއުލް ނަގައިދެނީ. ކޮންމެ މަގާމެއްގައި ހުއްޓަސް ކިޔަވައިނުދޭނެ ދުވަހެއް އަންނާނެ ހެނެއް ހިއެއްނުވޭ،" އޭނާ ވިދާޅުވި އެވެ.
2022 ވަނަ އަހަރު ބްރޫނާއީ ދާރުއްސަލާމުން "ޑޮކްޓާ އޮފް ފިލޯސޮފީ" ހާސިލު ކުރެއްވުމަށްފަހު، ލިބިފައިވާ އިލްމް ފެތުރުމުގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފަ އެވެ. ރާއްޖޭގަ އާއި ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގަ އެވެ. .
ދާދިފަހު އޭނާ ވަނީ އިންޑިއާގެ ނިއުދިއްލީ އާއި ޗަންދީގަރުން ލިބުނު ދެ ދައުވަތެއް ގައި އެތަންތަނަށް ޒިޔާރަތް ކުރައްވައި ކީނޯޓް ސްޕީކާއެއްގެ ގޮތުގައި ޔުނިވާސިޓި ތަމްސީލު ކުރައްވާފަ އެވެ. އަދި މިއަހަރު މެލޭޝިއާގެ އިންޓިކޮލެޖްއިން އިންތިޒާމުކުރި ކޮންފަރަންސެއްގައި ވެސް ކީނޯޓް ސްޕީކާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ތަމްސީލު ކުރައްވާފަ އެވެ.
"އެ ތިން ފުރުސަތަކީ ހަގީގަތުގައި މިރިސާޗް މަސައްކަތުގެ ތެރެއިން އަޅުގަނޑަށް ލިބިފައިހުރި އިލްމް، އިންޓަނޭޝަނަލް ލެވެލްއަށް ގެންދިއުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމުގައި ދެކެނީ،" ޑރ. ޝިނާ ވިދާޅުވި އެވެ.
އަންހެނުން ބިނާ ކުރުމާއި ބާރުވެރި ކުރުމަށް އޭނާ ކުރައްވާ ގިނަގުނަ މަސައްކަތް ބަލައިގަނެ އެކަން ފާހަގަކޮށް، އެ އަގުހުރި މަސައްކަތަށް ހިތްވަރު ދިނުމަށްޓަކައި މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން 2023 ވަނަ އަހަރު ވަނީ އޭނާއަށް "ރަނި އެވޯޑް" ވެސް އަރުވައިފަ އެވެ. އެ ހަފްލާގައި 13 ފަރާތަކަށް އެކި ދާއިރާއިން އެބޭފުޅަކު ޚިދަމަތް ކުރެއްވި ދާއިރާ ފާހަގަކުރެއްވި އިރު ޑރ. ޝިނާ ފާހަގަ ކޮށްފައިވަނީ މައްޗަންގޮޅިއަށް ނިސްބަތްވާ އަންހެނުންގެ ތެރެއިން ތައުލީމީ ދާއިރާއަށް ގިނަގުނަ މަސައްކަތެއް ކޮށްދެއްވައިފައިވާ ފަރާތެއްގެ ގޮތުގަ އެވެ.
ހީވާގި ދަރުމަވެރިއެއް: މިވަގުތު ލިޓްލް މެއިޑް ކޮމިޝަނާގެ މަގާމުގައި
ޑރ. ޝިނާގެ ޝައުގުވެރިކަން ހުރި އިތުރު ހަރަކާތްތަކުގެ ތެރެއިން ގާލްގައިޑްގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ. އެކަމަކީ ވެސް އޭނާއަށް ދުރުނުވެވޭނެ "ޕެޝަން" އެކެވެ. އަމީނިޔާ ސްކޫލްގައި ގާލްގައިޑް ހަރަކާތުގައި ބައިވެރިވިގޮތަށް އެ މަސައްކަތުގައި ހުއްޓާނުލައި ކުރިއަށް ގޮސް މޯލްޑިވްސް ގާލްގަޑް އެސޯސިއޭޝަންއާ ގުޅުނެވެ. އެ އެސޯސިއޭޝަންގެ ހަރާކްތަކުގައި އުޅުއްވާތާ މިހާރު 20 އަހަރު ވަނީ ވެފަ އެވެ.
"ގާލްގައިޑްގެ އެކްސްކޯ މަސައްކަތުގައި އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ. މިހާރު އަޅުގަނޑު މިހުރީ ލިޓްލްމެއިޑް ކޮމިޝަނާގެ މަގާމުގައި. މިކަމުގައި އަޅުގަނޑަށް މުހިންމު މަސައްކަތްތަކެއް ކޮށްދެވޭތީ ދުރަށްދާން ބޭނުން ނުވަނީ. ޔުނިވާސިޓީގައި ކިތަންމެ ބުރަ ނަމަވެސް ގާލްގައިޑް ހަރަކާތާ ދުރަކަށް ނުދެވޭނެ،" ޑރ. ޝިނާ ވިދާޅުވި އެވެ.
ކިޔަވައިދިނުމަކީ ޝިނާ އެންމެ ކުރާހިތްވާ އަދި އެންމެ ހިތްހަމަޖެހޭ މަސައްކަތެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އިލްމަކީ އަމާނާތެކެވެ. އެހެން މީހުންށް ފޯރުކޮށްދޭން ޖެހޭ އެއްޗެކެވެ. މުދައްރިސްކަމުގެ ދާއިރާއަށް އަލަށް ގުޅެން ބޭނުންވާ ކުދިންނަށް އޭނާ ދެއްވާ މެސެޖަކީ މުދައްރިސްކަމަކީ "ވަންއޮފްދަބެސްޓް ޕްރޮފެޝަން" ކަމެވެ. ދުނިޔެއާއި އާޚިރަތުގައި ވެސް މަންފާ ލިބޭ އެ މަސައްކަތަށް ކުދިން އައުމަށެވެ. އަދި މިހާރު އެންމެ ރަނގަޅު މުސާރަލިބޭ އެއްވަޒީފާ ކަމަށް ވާތީ އެ "ފުލްޕެކޭޖް" ގެ ބޭނުން ހިފުމަށެވެ.
އާއިލާއެއް ބަލަހައްޓަމުން މަސައްކަތަށް ވަގުތު ހުސްކުރެވެނީ އެތައް ބައެއްގެ އެހީތެރިކަން ލިބޭތީކަމަށާއި، ދިރިއުޅުމުގައި އާއިލާގެ އެހީތެރިކަން ލިބުމަކީ ވަރަށް ބޮޑު ނިއުމަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އާއިލާގެ އިތުރުން ގާތްރައްޓެހިންނަކީ ވެސް އޭނާގެ ދިރިއުޅުމުގެ މުހިންމު "ބެކަޕެއް" ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. ވަގުތު ހުސްކޮށްގެން ވެސް ރައްޓެހިންނާ ބައްދަލުކޮށް، ވަގުތު ހޭދަކުރުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ލިބޭ ބާރެކެވެ.
ވަރަށް ހެޔޮލަފާ މުދައްރިސެއް. ޒިންމާދާރު ކަނބަލެއް. ޚުލުޤު ހެޔޮ އަންހެނެއް. އުޖާލާ މުސްތަޤުބަލަކަށް އެދެން ޝިނާއަށް.