ޗައިނާގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ރަސްމީ ކަރިކިއުލަމްގެ މާއްދާއެއްގެ ގޮތުގައި "ލޯބި" ހިމަނައި އެ މާއްދާ ކިޔަަވައިދޭން ފަށަން އެގައުމުގެ ސަރުކާރުން ދިރާސީ މުއައްސަސާތަކަށް ގޮވާލައިފި އެވެ.

ރަސްމީ މާއްދާއެއްގެ ގޮތުގައި "ލޯބި" ކިޔަވައިދޭން ފެށުމުގެ މަގްސަދަކީ ޗައިނާގެ ޒުވާނުންގެ މެދުގައި ކައިވެންޏާއި ދަރިމައިވުމާމެދު އޮތް ހިޔާލު ބަދަލުކޮށް އެކަންކަމަށް ހިތްވަރު ދިނުމެވެ.

މި މާއްދާގެ ތެރެއިން ޒަވާޖީ ބައިވެރިއެއް ހޯދާނެ ގޮތާއި ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިންނާއި ފަހުން ކަންތައް ކުރަންޖެހޭނެ ގޮތް ކިޔަވައިދޭނެ ކަމަށް ބުނެވެ އެވެ.

އެ ގައުމުގެ ސަރުކާރުން މި ބީދައިން ގޮވާލާފައި މިވަނީ އެގައުމުގައި އަލަށް އުފަންވާ ކުދިންގެ މިންވަރު ބޮޑުތަނުން ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޖުމްލަ 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވިޔަސް އެގައުމުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.

ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ތަނުގައި އެގައުމުގެ ސަރުކާރުގެ ހަރަދުތައް ވަރަށް ބޮޑަށް އިތުރު ވެގެންދާނެ ކަމަށް މާހިރުން ބުނެ އެވެ.

މިކަމަށް ހައްލު ހޯދުމުގެ ގޮތުން ޒުވާނުން ކައިވެނިކޮށް ދަރިމައިވާ މިންވަރު އިތުރުކުރަން އެގައުމުގެ ސަރުކާރުން މިހާރު ވަނީ ކެމްޕެއިނެއް ފަށާފަ އެވެ.

އެގޮތުން ކައިވެނިކޮށް ދަރިން ހޯދާ ޒުވާނުންނަށް މާލީ އެހީއެއް ދޭން ވެސް އެގައުމުގެ ސަރުކާރުން މީގެ ކުރިން ނިންމާފައިވެ އެވެ.