ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ވެރިރަށް ދިމިޝްގަށް ވަނުމާއެކު އެގައުމުގެ ރައީސް ބައްޝާރުލް އަސަދު މަތިންދާ ބޯޓެއްގައި ގައުމު ދޫކޮށް ދިޔަފަހުން އެ ބޯޓް ވެއްޓި އަސަދު މަރުވެފައިވާކަމަށް ލަފާކުރެވޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިއަދު ފަތިހުގެ ވަގުތެއްގައި ބަޝާރުލް އަސަދު ދިމިޝްގްގެ މަތިންދާބޯޓަކަށް އަރައި، ނޭނގޭ މަންޒިލަކަށް ފުރައިގެން ދިޔަކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް އޭނާ ދަތުރުކުރި މަތިންދާބޯޓު ކުއްލިއަކަށް ޔޫ-ޓާނެއް ނެގުމަށްފަހު ރާޑާ ސްކްރީންތަކުން ގެއްލުނު ފަހުން، އަސަދު ދަތުރުކުރި މަތިންދާ ބޯޓު ވެއްޓި އޭގެއިން ދަތުރުކުރި މީހުން މަރުވީކަމަށް މިވަނީ ބެލެވެން ފަށާފަ އެވެ.

މީގެ ހަފްތާއެއް ކުރިން އަސަދު އާންމުތަނެއްގައި ވާހަކަދެއްކި ފަހުން އޭނާގެ އެއްވެސް ހަބަރެއް މިހާތަނަށް ނުވެ އެވެ. އޭގެ ފަހުން އިދިކޮޅު ހަނގުރާމަވެރިން ވަނީ ސީރިޔާގެ މުހިއްމު ގިނަ ސިޓީތަކެއް ހިފާފަ އެވެ.

އަސަދުއާއި އޭނާގެ އަންހެނުން އަސްމާ އާއި ދެ ދަރިން ތިބި ތަނެއް މިހާތަނަށް އެއްވެސް ބަޔަކަށް ސާފުވެފައިނުވެ އެވެ.

ފްލައިޓްރާޑާ ވެބްސައިޓުގެ މައުލޫމާތަށް ބިނާކޮށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމަވެރިން ވެރިރަށަށް ވަދެގަތް ވަގުތު ސީރިއަން އެއާގެ މަތިންދާބޯޓެއް ދިމިޝްގް އެއާޕޯޓުން ފުރައިގެން ގޮސްފައިވެ އެވެ.

މަތިންދާބޯޓު ފުރަތަމަ ދަތުރުކުރީ ސީރިޔާގެ ސަލަމުންތިކައާ ދިމާލަށެވެ. މިއީ އަސަދުގެ އަލަވީ މަޛްހަބުގެ މީހުންގެ ގަދަފަދަ ސަރަހައްދެކެވެ. ނަމަވެސް ދެން ކުއްލިއަކަށް ޔޫ-ޓާނެއް ނަގައި، މަދު މިނެޓުކޮޅަކަށް ދަތުރުކުރުމަށްފަހު މެޕުން ގެއްލިފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް އެ މަތިންދާ ބޯޓުން ދަތުރުކުރީ ކޮންބައެއްކަން ކަށަވަރުކުރެވިފައިނުވެ އެވެ.

ސީރިޔާގެ ދެ މަސްދަރަކުން ބުނެފައިވަނީ އަސަދު އެ މަތިންދާބޯޓުގައި ދަތުރުކުރިނަމަ، އޭނާ މަރުވެފައިވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ. އެއީ ފްލައިޓްރާޑާ ވެބްސައިޓުގެ މައުލޫމާތުން ދައްކާ ގޮތުން މަތިންދާބޯޓު ކުއްލި ޔޫ-ޓާނަށްފަހު މެޕުން ގެއްލިގެން ދިޔައީތީ އެވެ.

"އެ މަތިންދާބޯޓު ރާޑާއިން ގެއްލުނީ، ފަހަރެއްގައި ޓްރާންސްޕޮންޑާ ކަނޑާލީ ކަމަށްވެސް ވެދާނެ. ނަމަވެސް ބޮޑަށް ބެލެވެނީ މަތިންދާބޯޓު ވައްޓާލީކަމަށް" ނަންހާމަނުކޮށް މީޑިއާއަކަށް މައުލޫމާތުދިން ފަރާތަކުން ބުނެފައިވެ އެވެ.

ސީރިޔާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތުން ސީރިޔާގެ ގިނަ ސަރަހައްދުތަކެއް އެމީހުންގެ ބާރުގެދަށަށް ގެންދިއުމާއެކު، އަސަދު މޮސްކޯގައި ނުވަތަ އޭނާގެ އަނެއް އެކުވެރި ގައުމު ކަމުގައިވާ އީރާނުގައި ރައްކާތެރިކަން ހޯދަފާނެ ކަމަށް ލަފާކުރެވުނެވެ.

ނަމަވެސް ހޮނިހިރު ދުވަހު ސީރިޔާގެ ސަރުކާރުގެ މީޑިއާއިން ބުނެފައިވަނީ އަސަދު އޭރުވެސް ހުރީ ދިމިޝްގްގައި ކަމަށެވެ. އޭގެ ފަހުން ސަރުކާރުން އޭނާ ހުރި ތަނަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ހަނގުރާމަވެރިންގެ ހަމަލާތަށް މިފަހަރު ފެށުމުގެ ކުރިން އޭނާ ވަނީ މޮސްކޯއަށް ޒިޔާރަތްކޮށްފަ އެވެ. އަދި އީރާނުގެ ނިއުސް އޭޖެންސީތަކުން ހޮނިހިރު ދުވަހު ޝާއިޢުކުރި ފޮޓޯއެއްގައި އޭނާ އީރާނުގެ އިސް އޮފިޝަލަކާއި ދިމިޝްގްގައި ބައްދަލުކުރާ މަންޒަރު ފެނިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.