ރާއްޖޭގެ ވަޒީފާ އާ ގުޅޭ ސާވޭ، "ލޭބަ ފޯސް ސާވޭ 2024" މާލެ ސަރަހައްދުގައި މިއަދު ފަށައިފި އެވެ.

ލޭބަ ފޯސް ސާވޭއަކީ ރާއްޖޭގެ ވަޒީފާގެ މާކެޓާ ގުޅޭ މުހިންމު ތަފާސްހިސާބު އެއްކުރުމަށް ކުރާ މުހިންމު ސާވޭއެކެވެ.

މިއަދު ފެށި އެ ސާވޭގައި އެއްކުރެވޭ މައުލޫމާތުން މަސައްކަތް ލިބިފައިވާ އާބާދީގެ ނިސްބަތާއި މަސައްކަތް ލިބިފައިނުވާ އާބާދީގެ ނިސްބަތް ފަދަ ވަޒީފާގެ މާކެޓާ ގުޅޭ އިންޑިކޭޓަރުތައް އެކުލަވާލާނެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ ލޭބަ ފޯސް ސާވޭގެ ފީލްޑް ވޯކް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހަށް ކަމަށެވެ. މި ސާވޭ ގެންދާނީ މާލެ، ވިލިމާލެ އަދި ހުޅުމާލެއިން "ރެންޑަމް" ކޮށް ހޮވާލެވިފައިވާ ގޭބީސީތަކަށްކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެ އެވެ.

ސާވޭގައި މައުލޫމާތު ނަގާނެ މައިގަނޑު ބައިތަކުގެ ތެރޭގައި މީހުންގެ އާންމު މައުލޫމާތާއި ހިޖުރަކުރުމާއި ތައުލީމް އަދި ވަޒީފާ އާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލު ހިމެނެ އެވެ. އަދި މީގެ އިތުރުން އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައި ނުވާ އާބާދީގެ ތަފްސީލުތަކާއި އާމްދަނީ ލިބޭ އަދި އާމްދަނީ ނުލިބޭ ގޮތަށް ކުރާ މަސައްކަތާއި ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރުގެ އިތުރުން ހިލޭ ސާބަހަށް ކުރާ މަސައްކަތުގެ ތަފްސީލުތައް ހިމެނެއެވެ.

ލޭބަ ފޯސް ސާވޭއަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު" ގެ ދަށުން ހުއްދަ ލިބިގެން ކުރާ ސާވޭއެކެވެ. މި ސާވޭގައި އެއްކުރެވޭ ވަކި ފަރުދެއް ނުވަތަ ގޭބީސީއެއްގެ މައުލޫމާތަކީ ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ އެއްޗެއް ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެވެ.

އަދި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު އެދިއްޖެ ނަމަ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަކީ އާންމުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ ގޭބީސީގެ މެންބަރުންގެ ވަގުތާއި އެއްބާރުލުން ބޭނުންވާ ސާވޭއެއް ކަމުން، މި މުހިންމު ގައުމީ މަސައްކަތުގައި ފުރިހަަމައަށް އެއްބާރުލުން ދިނުމުގައި ހޭދަކުރާ ވަގުތަކީ ރާއްޖޭގެ ތަފާސް ހިސާބުގެ ނިޒާމު ހަރުދަނާ ކުރުމަށް ވެދެވޭ އަގުހުރި ގައުމީ ހިދުމަތެއް ކަމުގައި ފާހަގަކޮށްފަ އެވެ.

ސާވޭ އާ ގުޅޭ އިތުރު މައުލޫމާތު ބިއުރޯގެ ނަންބަރު 3008400 އިންނާއި ވެބްސައިޓާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ލިބޭނެ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެ އެވެ.