ބޮލީވުޑްގެ މެގަ ސްޓާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ވަނީ ފޯޗޫން 2020 ގައި އިންޑިޔާގެ އެންމެ ނުފޫޒުގަދަ އަންހެން ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިފަ އެވެ. އޭނާ އަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ގިނަ ފިލްމްތަކުން ވެސް ފެނިފައިވާ ފަންނާނެކެވެ.

ގްލޯބަލް ސްޓާރެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕްރިޔަންކާއާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ވަނީ 2021 ވަނަ އަހަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްވި މީހުންގެ ނަންތައް އިއުލާނުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ނޫސްވެރިއެއް ކަމަށްވާ ޕީޓާ ފޯޑް ވަނީ ޕްރިޔަންކާ އެކަމަށް ކުފޫ ހަމަނުވާ ކަމަށް ބުނެ އޭނާގެ ކޮލިފިކޭޝަންއަކީ ކޮބައިކަމާ މެދު ސުވާލު އުފައްދާފަ އެވެ.

"އެ ދެމީހުންނަށް އިހުތިރާމު ނުކުރުމުގެ ގޮތުންނެއް ނޫން. އެކަމަކު އޮސްކާ އެވޯޑްގެ ނޮމިނޭޝަންތައް އިއުލާނު ކުރުމުގެ ފުރުސަތު ދޭވަރަށް އެ މީހުންނަށް ފިލްމުތަކުގައި މަސައްކަތް ކުރެވިފައި ހުރިކަމެއް ޔަގީނެއް ނޫން،" ފޯޑް ކުރި ޓުވީޓެއްގައި ވެ އެވެ.

ޕްރިޔަންކާ ވަނީ ފޯޑްގެ ޓުވީޓް، ރިޓުވީޓް ކުރުމަށްފަހު އޭނާ ކުޅެފައިވާ 60 އަށްވުރެ ގިނަ ފިލްމު އެކުލެވޭ ލިސްޓެއް ހިއްސާކޮށްފަ އެވެ.

މިއާއެކު ޕްރިޔަންކާގެ ގިނަ ފޭނުން ވަނީ އޭނާގެ ދިފާއުގައި ނުކުމެފަ އެވެ.

ފޯޑްގެ ޓުވިޓާ ބައޯގައިވާ ގޮތުން އޭނާ އަކީ އޮސްޓްރޭލިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ މަޝްހޫރު ރިޕޯޓަރެވެ. ޕްރިޔަންކާއާ ގުޅުވައިގެން ކުރި ޓުވީޓް، ފޯޑް ވަނީ މިހާރު ޑިލީޓްކޮށްފަ އެވެ.