ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ އަސްކަރިއްޔާއިން މަރާލައިފައިވާކަމަށް ތުހުމަތު ކުރެވޭ 100,000އަށް ވުރެ ގިނަ މީހުންގެ ހަށިތައް އަޅާފައި ހުރި ވަޅުގަނޑެއް އެ ޤައުމުގެ ވެރިރަށް ދިމިޝްޤާ ކައިރި ހިސާބަކުން ފެނިފައިވާ ކަމަށް ސީރިއަން އެމަޖެންސީ ޓާސްކްފޯހުން ބުނެފި އެވެ.

ސީރިއަން އެމަޖެންސީ ޓާސްކްފޯހުގެ އިސްވެރިޔާ މުޢާޛް މުޞްޠަފާ ވިދާޅުވީ ދިމިޝްޤާ 25 މޭލު ދުރުގައި އޮންނަ އަލް-ޤުޠައިފާ ސަރަޙައްދުން މަރުވެފައިވާ އިންސާނުންގެ ހަށިތައް އަޅާފައިވާ މާސިންގާ ކަށްވަޅެއް ފެނިފައިވާ ކަމަށެވެ.

އެގޮތުން ފެނުނު އެ ކަށްވަޅުން 100,000 މީހުންގެ ހަށިތައް ވާނެ ކަމަށް ބެލެވޭ ކަމަށާއި ލަފައި ކުރެވޭ ގޮތުގައި އެ ވަޅުގަނޑުގައި ހުރި ހަށިތަކުގެ ޖުމްލަ އަދަދު އެއަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ސީރިއަން އެމަޖެންސީ ޓާސްކްފޯހުގެ އިސްވެރިޔާ މުޢާޛް މުޞްޠަފާ ވިދާޅުވި އެވެ.

މުޞްޠަފާ ވިދާޅުވީ މިއީ ފާއިތުވި އަހަރުތަކުގައި ސީރިޔާއިން މިގޮތްށް ފެނުނު ފަސް ވަޅުގަނޑު ކަމަށާއި ނަމަވެސް ސީރިޔާގައި ހުރީ މިފަދަ އެންމެ ފަސް ވަޅުގަނޑު ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އޭނާ ބުނީ އެ ވަޅުގަނޑުތަކުގައި ހުރި ހަށިތަކަކީ ހަމައެކަނި ސީރިޔާ ރައްޔިތުންގެ ހަށިތައް ނޫން ކަމަށާއި އޭގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތާއި އެހެނިހެން ޤައުމުތަކަށް ނިޞްބަތްވާ މީހުންގެ ހަށިތައް ވެސް ހިމެނޭ ކަމަށެވެ.

ސީރިޔާގެ ރައްޔިތުންނާއި ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާތަކާއި އެހެނިހެން ސަރުކާރުތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ އެ ގައުމުގައި ދާހިލީ ހަނގުރާމަ ފެށުނު ފަހުން ވެރިކަން ގެއްލިފައިވާ އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދު އަދި އޭނާގެ ކުރިން ސީރިޔާގެ ރައީސްކަން ކުރެއްވި އޭނާގެ ބައްޕާފުޅު ޙާފިޟް ހައްޤަކާ ނުލައި ޢަދުލް އިންސާފުގެ ނިޒާމުން ބޭރުން ހިންގާފައިވާ ބޮޑު ގަތުލުއާންމެކެވެ. މި ގަތުލުއާންމުގައި ގިނަ ބަޔަކު މަރާފައިވާ ކަމަށް އެފަރާތުން ތުހުމަތު ކުރެއެވެ.

މުޞްޠަފާ ވިދާޅުވީ ސީރިޔާގެ ސަރުކާރަށް ނިޞްބަތްވާ ސިފައިން ޢާންމުންނަށް އެކި ކަހަލަ ލާއިންސާނީ އަނިޔާތައް ދީ އެ މީހުން މަރައިލުމަށް ފަހު އެ ހުރިހާ ހަށިތައް އަސްކަރީ ހަސްފަތާލުތަކަށް ގެންދާ ކަމަށާއި އަދި އެއަށް ފަހު ސީރިޔާގެ ވައިގެ ސިފައިންގެ ތެރޭގައި ހިމެނޭ ޖާސޫސީ އިދާރާއެއްގެ ބެލުމުގެ ދަށުން އިތުރު ޖަސޫސީ މަރުކަޒުތަކަށް އެ ހަށިތައް ގެންގޮސް ވަޅުގަނޑުތަކަށް އެ ހަށިތައް އަޅާ ފޮރުވާލަނީ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މަރުވެފައިވާ މީހުންގެ ހަށިތައް ވަޅުލުމަށް މާސިންގާ ވަޅުގަނޑުތައް ކޮނުމުގެ މަސައްކަތް ކުރުމަށް މަޖުބޫރު ކޮށްފައިވާ ބައެއް މީހުންނާ އޭނާގެ ޖަމާޢަތުގެ ފަރާތުން ވާހަކަ ދައްކާފައިވާ ކަމަށާއި އައު ހަށިތައް އެޅުމަށްޓަކައި އެ ވަޅުގަނޑުން އިތުރު ޖާގަ ހެދުމަށް ވަޅުގަނޑުގައި ހުރި ހަށިތައް ބުލްޑޯޒަރު ބޭނުންކޮށްގެން އަޑިއަށް ކޮއްޕައި ޗަސްކޮށް އޭގެ މައްޗަށް ފަސް އަޅައި އިތުރު ޖާގަ ހަދާކަމަށް އެ މީހުންނާ ހަވާލާދީ މުޞްޠަފާ ބުނެފައިވެ އެވެ.