މީގެ ފަސް އަހަރު ކުރިން މި ކޮފީ ބްރޭންޑަކީ މެލޭޝިޔާގެ ކުއަލަލުމްޕޫރުގައި ކުޑަކުޑަ ކިއޮސްކްއަކުން ފެށި ވިޔަފާރިއެކެވެ. މިއަދު "ޒޫސް" ކޮފީއަކީ މުޅި އެ ގައުމުގެ އެންމެ ބޮޑު ކޮފީ ޗެއިން އޮޕަރޭޓަރެވެ.
ދެހާސްނަވާރަ ވަނަ އަހަރު މި ވިޔަފާރި ފުރަތަމަ ފަށާފައިވަނީ ކޭއެލް ސިޓީ ސެންޓަރުގައި ބެހެއްޓި 200 އަކަފޫޓުގެ ކިއޮސްކެއްގަ އެވެ. ފެށުނީއްސުރެ މި ވިޔަފާރިން އަމާޒުކޮށްފައިވަނީ އަތްފޯރާ އަގެއްގައި މީރު ކޮފީގެ ރަހަތައް އާންމުންނަށް ފޯރުކޮށްދިނުމަށެވެ.
ޒޫސް ކޮފީގެ އުފެއްދި ސްޓާޓްއަފް ވިޔަފާރިވެރިން ވެނޮން ޓިއަން އަދި އިއަން ޗުއާ ދެކޭ ގޮތުގައި މީރު ކޮފީއަކީ އަތްފޯރާ ފަށުގައި ހުންނަން ޖެހޭ އެއްޗެކެވެ. އެއީ ލަގްޒަރީއެއް ނޫނެވެ. މި ބްރޭންޑުގެ އެންމެ މަޝްހޫރު ކޮފީ ޑްރިންކްތަކުގެ ތެރޭގައި އައިސް ސްޕެނިޝް ލާޓޭ, ބަޓާކްރީމް ލާޓޭ ފަދަ ހާއްސަ ބުއިންތައް ހިމެނެ އެވެ.
ކޮފީ ޑްރިންކްގެ އިތުރުން ނޮން ކެފެއިނޭޓެޑް ޑްރިންކްސް ވެސް އަދި ޕޭސްޓްރީ އަދި ސޭންޑްވިޗް، މެލޭޝިއާގެ ހާއްސަ ކެއުމެއް ކަމަށްވާ ނާސިލެމަކް ފަދަ ބާވަތްތައް ވެސް ޒޫސްއިން ލިބެ އެވެ. ޒޫސް ކޮފީގެ ބުއިންތަކުގެ އަގު އުޅެނީ އެވްރެޖްކޮށް ރާއްޖޭގެ 35-40 ރުފިޔާއަށެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ޒޫސް ކޮފީއިން ވަނީ މުޅި ގައުމުގައި 550 އައުޓްލެޓް ހުޅުވާލާފަ އެވެ. މި ވިޔާފާރި ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިތުރު ފަސް ޕަސެންޓް ގެ ކުރިއެރުމެއް އަންނާނެ ކަމަށް ވަނީ ކަމާ ބެހޭ މާހިރުން ލަފާކޮށްފަ އެވެ. މިއަދު ޒޫސް ކޮފީގެ ޓީމުގައި 2،500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. ޒޫސް ކޮފީއިން ކޮފީ ބީންސް ގެންނަނީ ބްރެޒިލްއިންނެވެ. ނަމަވެސް ރޯސްޓްކުރަނީ އަމިއްލައަށެވެ.
އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި މި ބްރޭންޑް ފުޅާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މި ވިޔަފާރީގެ ހާއްސަ މޮޑެލް އަދި ކޮވިޑްގެ ހާލަތު ހިމެނެ އެވެ. މި ވިޔަފާރި އެންމެ ފުރަތަމަ ވެސް ހާއްސާކޮށްފައި ވަނީ އެޕް ބޭސްޑް (އޮންލައިންކޮށް އެޕެއް މެދުކޮށް އޯޑަރު ކުރެވޭ ގޮތަށެވެ. މި އެޕުން ޑެލިވަރީ އަދި ޕިކްއަޕްގެ ހިދުމަތް ވެސް ދޭގޮތަށެވެ. މިއީ އޭރު މެލޭޝިޔާގައި އާންމުކޮށް ކުރާ ކަމެއް ނޫނެވެ.
ކޮވިޑްގެ ހާލަތުގެ ސަބަބުން އެޕްގެ ސަބަބުން ކުންފުންޏަށް ލިބުނީ އިތުރު ފައިދާއެކެވެ. ކޭޝްލެސްކޮށް ފައިސާ ދެއްކުމުގެ ފުރުސަތު އޮތުމާއި އަވަސް ހިދުމަތެއް ލިބުން ވެގެން ދިޔައީ މެލޭޝިޔާގެ އާއްމުންނަށް އޭރު ލިބުނު ވަރަށް ބޮޑު ފަސޭހައަކަށެވެ. މި އެޕްގެ ޓެކްނޮލޮޖީއަކީ ޑޭޓާ ކަލެކްޝަން ވެސް އެކުލެވޭ ޓެކްނޮލިޖީއަކަށް ވުމާއެކު އެޕް މެދުވެރިކޮށް އާ ފްރޮޑަކްޓްތައް ރަނގަޅުކުރުމުގެ ފުރުސަތާއި އާ ޕްރޮޑަކްޓްތައް އުފެއްދުމުގެ ފުރުސަތު ކުންފުންޏަށް ލިބުނެވެ.
އެހެންކަމުން މި ވިޔަފާރި ތައާރަފްކުރިތާ 10 މަސް ތެރޭގައި ކުންފުންޏަށް ބޮޑު ފައިދާއެއް ވާން ފެށި އެވެ.
"ހުރިހާވެސް އެއްޗަކީ ރަނގަޅު ވަގުތު. ހަމައެކަނި ޕްރޮޑަކްޓް ނުވަތަ ޓީމެއް ނޫން. ރަނގަޅު ވަގުތުގައި ރަނގަޅު ތަނުގައި ހުރުމޭ ބުނާނީ،" ޒޫސް ކޮފީގެ ސީއޯއޯ ވެނޮން ޓިއަން އިންޓަވިއުއެއްގައި ބުންޏެވެ.
ޒޫސް ކޮފީ މިހާރު ދަނީ އިންޓަނޭޝަނަލް މާކެޓްތަކަށް ވެސް ވަންނަމުންނެވެ. ފިލިޕީންސްގައި މި ބްރޭންޑުން ވަނީ 40 އައުޓްލެޓް ހުޅުވާފަ އެވެ. ފިލިޕީންސްއަށް މި ކޮފީ ގެނައުމަށްޓަކައި އެގައުމުގެ ބިލިއަނަރެއް ކަމަށްވާ ފްރޭންކް ލާއޯ ވަނީ މި ކުންފުނީގެ 30 ޕަސެންޓް އިންވެސްޓްކޮށްފަ އެވެ. ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޒޫސް ކޮފީއިން ފިލިޕީންސްގެ ކޮފީ މާކެޓް ލީޑް ކުރާނެ ކަމަށް ބެލެވެ އެވެ.
ފިލިޕީންސްގެ އިތުރުން ސިންގަޕޫރު އަދި ބުރުނާއިގައި ވެސް މިހާރު ވަނީ މި ކޮފީގެ އައުޓްލެޓްތައް ހުޅުވާފަ އެވެ. އަދި 2025 ގެ ކުރީކޮޅު ޕާކިސްތާނުގައި ވެސް ހުޅުވަން މަސައްކަތް ކުރާނެ ކަމަށް ވެނޮން ޓިއަން ވަނީ ބުނެފަ އެވެ.
އޭނާ ބުނިގޮތުގައި އޭނާ ބޭނުން ވަނީ މި ކޮފީއަކީ "ނެޝަނަލް ޗެންޕިއަން" އަކަށްވާށެވެ.
"ބޭނުންވަނީ ކޮފީގެ އެއާ އޭޝިއާއަށް ވާން. މުޅި ދުނިޔޭގައި ވެސް މަޝްހޫރު ސައުތު އޭޝިއަން ބްރޭންޑަކަށް ވާން،" އެ އިންޓަވިއުއެއްގައި ޓިއަން ބުންޏެވެ.
މިއަހަރު އެކަނި ތިން އިންވެސްޓަރެއްގެ ފަރާތުން މި ކުންފުންޏަށް ވަނީ 250 މިލިއަން ރިންގިޓް (57.5 މިލިއަން ޑޮލަރު) ގެ އިންވެސްޓްމެންޓް ލިބިފަ އެވެ. އެއީ މެލޭޝިޔާގެ ޕެންޝަން ފަންޑް ކޭވެޕް އަދި ސިންގަޕޫރު އަދި އިންޑޮނީޝިއާގެ ކުންފުންޏަކުން އިންވެސްޓްކުރި ފައިސާ އެވެ.
ޒޫސް ކޮފީއިން މިހާރު ވަނީ މެލޭޝިއާގެ ކޮފީ މާކެޓްގައި ރަސްކަން ކުރަމުން ދިޔަ ސްޓާބަކްސް ވައްޓާލާ ކުރި ހޯދާފަ އެވެ. މީގެ އިތުރުން ސްޓާބަކްސްއަކީ އިޒްރޭލަށް ފަންޑުކުރާ ކުންފުންޏަކަށް ވާތީ މެލޭޝިއާގައި ސްޓާބަކްސް ބޯއިކަޓްކުރަން ފެށުމާއެކު މިކަމުގެ ފައިދާ ވެސް ވީ ޒޫސް ކޮފީއަށެވެ.