ހަދިޔާއަކީ ކުޑަކުދިން އެކި މަސައްކަތައް ޝައުގު އުފެއްދުމަށާއި އާހުނަރަކަށް އަހުލުވެރި ކުރުމަށް ވަރަށް މުހިންމު އެއްޗެއް. ހަދިޔާގެ ސަބަބުން އާވިސްނުންތަކަށް ސިކުނޑި ހުޅުވައިދޭ. ކުރިއަށްދާނެ މަގުދައްކައިދޭ. އުފަންދުވަހުގެ ހަދިޔާއަށް ބައްޕަ ދިން ކެމެރާއަކީ އޭނާ ފޮޓޯގްރަފީގެ ދާއިރާއަށް ވަނުމަށް ލިބުނު ހިތްވަރު. ފޮޓޯއިން އިހްސާސްތަކާއި ވާހަކަ ގެނެސްދިނުމަކީ އޭނާގެ އަމާޒު. އެތައްބައެއްގެ ތަރުހީބު ލިބޭ މިފޮޓޯގްރާފަރުވަނީ އޭނާ ބައިވެރިވި ފޮޓޯ މުބާރާތްތަކުގައި ފަޚުރުވެރި ވަނަތަކެއްވެސް ހޯދައިފައި.

ސައިކޮލޮޖިސްޓުން އެއްބަސްވާގޮތުގައި ހަދިޔާއަކީ ކުޑަކުދިން އެކި މަސައްކަތައް ޝައުގު އުފައްދައި އާ ހުނަރަކަށް އަހުލުވެރި ކުރުވުމުގައި ވަރަށް މުހިންމު ރޯލެއް ކުޅޭ އެއްޗެކެވެ.

ބައެއް ހަދިޔާތަކުން ލިބޭ އުފާ ދެމިއޮންނަނީ ސައިބޯނި ބޮތްކެއް ދެމިއޮންނަހާ ހިނދުކޮޅަކު އެވެ. އަނެއްބައި ހަދިޔާތަކުން މޫސުމެއް ދެމިއޮންނަހާ ގިނަ ދުވަހަށް އޭގެ އުފަލާއި ހިތްހަމަޖެހުން ދެމިގެންދެ އެވެ. ލިބުނު ހަދިޔާއަކީ ގަހަނާ ފަދަ އެއްޗެއްނަމަ، އަބަދަށް ވެސް އެ ދިން މީހާގެ ހެޔޮކަމާއި ލޯބި ހަނދާންކޮށްދެ އެވެ. ހަދިޔާތަކުގެ ތެރޭގައިވާ ހަތަރުވަނަ ބާވަތަކީ މުޅި ހަޔާތް ބަދަލުކޮށްލާ ފަދަ ހަދިޔާ އެވެ. އެފަދަ ހަދިޔާގެ ސަބަބުން އާވިސްނުންތަކަށް ސިކުނޑި ހުޅުވައިދެ އެވެ. ކުރިއަށްދާނެ މަގުދައްކައިދެ އެވެ.

ކުޑަ ކުއްޖަކަށް ހަދިޔާއެއް ދޭއިރު އޭނާގެ ކުރިމަގަށް ފައިދާ ކުރާނެ އެއްޗެއް ދެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ އެކުދިންގެ ހެދިބޮޑުވަމުންދާ ޅަސިކުޑިން، އެލިބުނު ހަދިޔާއިން ކުރާނެ ބޭނުމާއި ދޭތެރޭ ވިސްނާނެތީ އެވެ.

ލިބޭ ހަދިޔާއިން އެތައް ކުދިންނަކާއި ޒުވާނުންނެއްގެ ހަޔާތަށް ބޮޑެތި ބަދަލުތައް ގެނުވައިފައިވެ އެވެ. މިއީ ވެސް އެފަދަ ޒުވާނެކެވެ. ހަދިޔާއެއްގެ ގޮތުގައި ބައްޕަ ދިއްކޮށްލި ކެމެރާއަކުން ކުރިއަށްދާނެ ރޮނގު ލިޔެލި ޒުވާނެކެވެ.

2022ގައި ޗައިނާ މޯލްޑިވްސް ޑިޕްލޮމެޓިކް ރިލޭޝަންސް އާޓް އެންޑް ފޮޓޯގްރަފީ މުބާރާތުގެ ފޮޓޯގްރަފީ ބައިން އެއްވަނަ ހާސިލްކުރި

ދަރުމަވަންތަ ސްކޫލުންނާއި ސްރީލަންކާއިން މަތީ ތައުލީމު ހާސިލްކުރި 24 އަހަރުގެ ނައުޝަމް ވަހީދު (ނައުޝަމް) ފޮޓޯގްރަފީއަށް އަބަދުވެސް ޝައުގުވެރިވެ އެވެ. ހޮބީއެއްގެ ގޮތުގައި ފޯނުން ފޮޓޯނަގައި ހެދި އިރު އެމަސައްކަތަކީ ފަހުން އޭނާ ކުރިއަށް ދާނެ ދާއިރާކަން ވިސްނިފައެއް ނުވެ އެވެ. ސްރީލަންކާގެ ރީތި ފަރުބަދަތަކާއި، ވާދީތަކާއި، މާމެލާމެލީގެ ބަގީޗާތަކާއި އަދި ފެން އާރުތަކުގެ ފޮޓޯ ނެގުމަކީ އާދަކޮށް އޭނާ ކުރާކަމެކެވެ. ފޮޓޯގްރަފީގެ އެއްވެސް ޢިލްމެއް ނެތި ވެސް ފޯނުން ފޮޓޯނެމުގައި ތަފާތު އުކުޅުތައް ބޭނުން ކުރުމުން، ނަގާ ފޮޓޯތައް ރީތިކަން ފާހަގަކޮށް އެމަސައްކަތް އިތުރަށް ދަސްކުރުމުގެ ޝައުގުވެރިކަން އޭރުވެސް ހުރެ އެވެ.

ބައްޕަގެ ހަދިޔާ: ނައުޝަމް އަށްކުރިއަށް ދާނެ މަގު ދައްކައިދިން

އުފަންދުވަހުގެ ހަދިޔާއަކަށް ބައްޕަ ދިން ނިކޮން ބްރޭންޑްގެ ކެމެރާއަކީ އޭނާއަށް ފޮޓޯގްރަފީގެ ތެރެއަށް ވަނުމަށް ލިބުނު ހިތްވަރަކަށް ވި އެވެ. ފުރަތަމަ އެ ކެމެރާ އާ ކުޅެން ނޭނގުނު ކަމަށް ނައުޝަމް ބުންޏެވެ.

"ކެމެރާ ލިބިގެން ފުރަތަމަ އުޅުނީ ލެންސް ކެމެރާގައި ހަރު ކުރަން ނޭނގިގެން. ދެން ޔޫޓިއުބް ވީޑިއޯ ތައް ބަލައިގެން އޭގެ ސެޓިންގްސް ހަދައި ކެމެރާއިން ފޮޓޯ ނަގާ ގޮތް ދަސްކުރީ. ފޮޓޯގްރަފީ ކޯހެއްވެސް ހެދިން އެމަސައްކަތް ބޮޑަށް ދަސްކުރުމަށް،" ނައުޝަމް ކިޔައިދިނެވެ.

ސްރީލަންކާގައި ބިޒްނަށް އެޑްމިނިސްޓްރޭޝަންއިން ޑިގްރީއަށް ކިޔެވިއިރު ހަމައެއާ އެކުއެކީގައި ނައުޝަމް ވަނީ ފޮޓޯގްރަފީ ދަސްކުރުމަށް އެގައުމުގައި ހުންނަ އިންސްޓިޓިއުޓް އޮފް މަލްޓިމީޑިއާ އެޑިއުކޭޝަން އިން އެޑްވާންސް ސެޓްފިކެޓް އިން ފޮޓޯގްރަފީ ކޯސްހަދައި އެދާއިރާއިން ޙާއްސަ ތަމްރީނުތަކެއް ވެސް ލިބިފަ އެވެ.

އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލު ކޮށްދީފައިވާތި ނައުޝަމްއަށް މޯލްޑިވްސް އޮލިމްޕިކްކޮމިޓީއިން ހަނދާނީ ލިޔުން ދެއްވަނީ

ޗާލު ހިތްގައިމު ފޮޓޯތަކެއް: ކެޕްޝަނަކާއިނުލާ ތަފްސީލު ކިޔައިދޭ

ނައުޝަމް ކިޔަވައި ނިމިގެން ރާއްޖެ އައިސް ފޮޓޯނެގުމުގެ މަސައްކަތް ފެށި އެވެ. އެކަމަށްޓަކައި ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރުތަކެއް ވެސް ކުރި އެވެ.

"ރާއްޖޭގެ ސަގާފަތާއި ތަރިކަ ދައްކުވައިދޭ ފޮޓޯ ނެގުމަށް އައްޑޫ ފޯމުލަށް، ލާމު، ދެން ހދ، ހއ، ށ އަށް ގޮސް އެރަށްރަށުގައި ފޮޓޯ ނަގަން އަޅުގަނޑު އުޅުނީ. އަޅުގަނޑުގެ ވިސްނުމަކީ މީހުން އަޅުގަނޑު ނަގާ ފޮޓޯގެ ކެޕްޝަންސް ކިއުމުގެ ބަދަލުގައި އެފޮޓޯއިން އިހްސާސްތަކާއި ވާހަކަތަކެއް ގެނެސްދިނުން. ވީމާ ވާހަކައެއް ކިޔައިދޭ ގޮތަކަށް ފޮޓޯ ނެގޭތޯ ބަލަން،" ނައުޝަމް ކިޔައިދިނެވެ.

ސުނާމީ ކާރިސާއަށް ވިސްނައިގެން ތައްޔާރުކުރި ކޮންސެޕްޓަކަށް ނެގި ފޮޓޯއެއް

އޭނާ ނަގާ ފޮޓޯއިން އެވަގުތަކު ހިނގި ކަންތަކާއި ކުރެވުނު އިހުސާސްތައް އެފޮޓޯބަލާ ބަޔަކަށް ބުނެދޭން އޭނާ ބޭނުންވެ އެވެ. ނައުޝަމްގެ ފޮޓޯތައް ތަފާތުވަނީ ކެޕްޝަންއަކާއި ނުލައި ވާހަކަ ކިޔައިދޭތީ އެވެ. ޚާއްސަ ދުވަސްތަކާއި އެކި ހާދިސާތަކާއި ގުޅިގެން ނަގާ އެފަދަ ފޮޓޯތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާކަން ފާހަގަވެ އެވެ. އެގޮތުން 2020 ގެ މިނިވަން ދުވަހަށް ޚާއްސަކޮށްގެން ނެގި ފޮޓޯއަކާއި ، ސުނާމީއަށް 16 އަހަރު ފުރިގެން ނެގި ފޮޓޯތައް ފާހަގަކޮށްލެވެ އެވެ. ލ. އަތޮޅުގެ އުމުރުން ދުވަސްވީ ދެމަފިރިން ކަމުގައިވާ ދޮންމަރިޔަނބާއި ބެއްޔާގެ ލޯބީގެ ވާހަކަ ބުނެދޭ ފޮޓޯގެ ސަބަބުން ވެސް ގިނަބައެއްގެ ސަމާލުކަން އޭނާގެ ފޮޓޯތަކަށް އަމާޒުވި އެވެ.

އިމޭޖާސް ޑޮޓް އެމްވީ: ފޮޓޯގްރާފަރެއްގެ ގޮތުގައި ފުރަތަމަ މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވި

ނައުޝަމް ޕްރޮފެޝަނަލް ފޮޓޮގްރެފީ ގެތެރެއަށް ވަދެވުނީ 2021ގެ ސެޕްޓެމްބަރުގައި އިމޭޖާސް ޑޮޓްއެމްވީ އާ ގުޅުނު ހިސާބުންނެވެ. މިހާރު އޭނާގެ މައިގަނޑު މަސައްކަތަކީ އައުޓްޑޯ ފޮޓޯޝޫޓްތައް ބޭއްވުމާއި ވެޑިންގްސް، ކިޑްސްބާތް ޑޭ ޕާޓީސް ފަދަ އިވެންޓްސްތަކަށް ގޮސް ފޮޓޯ ނެގުމެވެ. އޭގެ އިތުރުން ފްރީލާންސްކޮށް ވެސް ފޮޓޯ ނަގައިދޭ ކަމަށް އޭނާ ބުންޏެވެ.

2023ގެ މިނަވަންދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީއިން ބޭއްވި ފޮޓޯމުބާރާތުން އެއްވަނަ ލިބުނު ފޮޓޯއާއެކު

އެންމެ އުނދަގޫ ކަންކަން ފަރުދާގެ ފަހަތުގައި: ފޮޓޯ ކްލިކް ކޮށްލުމަކީ މަސައްކަތުގެ ދެބައި ކޮށްފައި އެއްބައި

ނައުޝަމް ބުނިގޮތުގައި ކެމެރާ އަކަށް ކްލިކް ކޮށްލުމަކީ ފަސޭހަކަމެއް ކަމަށާއި ފޮޓޯ ފޮޓޯއަކަށް ހަދަން ކުރަންޖެހޭ މަސައްކަތަކީ ވަރަށް ވަގުތު ހޭދަވާ އަދި ބުރަ ކަމެއް ކަމަށެވެ.

"ވަރަށް ހިތްހަމަޖެހޭ މަސައްކަތެއް މީ. އެހެން ނަމަވެސް ކުދި ޗެލެންޖިން (އުންދަގޫ) ކަންކަން ދިމާވޭ. މިސާލަކަށް އިވެންޓެއް ނިންމާފައި ވަގުތުން ފޮޓޯތަށް އެޑިޓްކޮށް ހެދުމަކީ ވަރަށް ގިނަ މަރުހަލާތަކަކުން ނިންމޭ ވަރަށްގިނަ ވަގުތު ހޭދަވާ ކަންތައްތަކެއް. ދެން އެކި ޝޫޓް ނަގަނީ އެކިގޮތަށް. މިސާލަކަށް ބޭބީ ޝޫޓެއްވިއްޔާ ވަރަށް ކެތްތެރިކަމާއެކު އެ ބޭނުންވާ ވަކި ޕޯޒްތައް ގެނައުމަށް ކުރާ މަސައްކަތް އެހާ ފަސޭހައެއް ނުވާނެ،" މުސްތަގްބަލުގައި އަމިއްލަ ކޮމްޕެނީއެއް ހެދުމަށް ވިސްނާ ނައުޝަމް ކިޔައިދިނެވެ.

މިނިވަން ދުވަހަށް ޚާއްސްކޮށްގެން ނެގި ފޮޓޯއެއް: މި ފޮޓޯގެ ކޮންސެޕްޓަށް ވިސްނާ ތައްޔާރުކުރުމަށް 6ގަޑިއިރު ނެގި

ނައުޝަމް ވަނީ ބައެއް ފޮޓޯ މުބާރާތްތަކުގައި ވެސް ވާދަކޮށް ފަޚުރުވެރި ވަނަތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން 2022ގައި ބޭއްވި ޗައިނާ މޯލްޑިވިއަން ޑިޕްލޮމެޓިކް ރިލޭޝަންސް އާޓް އެންޑް ފޮޓޯގްރަފީ މުބާރާތުގައި އޭނާ އެއްވަނަ ހާސިލްކުރި އެވެ. އަދި 2023ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފޮޓޯ މުބާރާތުން އެއްވަނަ އަދި ހަމަ އެ މުނާސަބަތާ ގުޅިގެން ބޭއްވުނު ފޮޓޯ މައުރަޒުގެ ވެސް އެއްވަނަ ހާސިލް ކުރި އެވެ.

2023ގެ މިނިވަންދުވަހާއި ގުޅިގެން ހޯމް މިނިސްޓްރީއިން ބޭއްވި ފޮޓޯ މުބާރާތުން ފަޚުރުވެރި އެއްވަނަ ލިބުނު

ކިތަންމެ ބުރަކޮށް މަސައްކަތް ކޮއްގެން ނަމަވެސް އޭނާގެ ފޮޓޯތަކުގައި އޭނާ އެބޭނުންވާ އިފެކްޓް ގެނުވަ އެވެ. ނައުޝަމްގެ މަސައްކަތުގައި މައިންބަފައިންނާއި އޭނާގެ ކައިރިން ޚިދުމަތް ހޯދާ ފަރާތްތަކުން ދޭ ތަރުހީބާއި ހިތްވަރުގެ ބަސްތަކަކީ މިއަދު އޭނާއަށް ލިބޭ އެންމެ ބޮޑު އުފާކަން އޭނާ ފާހަގަކުރި އެވެ.