ބޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓް އޭނާގެ ލޯބިވެރިޔާ އިނެސް ޑި ރަމެންއާ މި ފެށުނު 2025 ވަނަ އަހަރު ކައިވެނި ކުރަން ރާވާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ބްރެޑްއާއި އިނެސްގެ ކައިވެނީގެ އަޑުތައް މީޑިއާގައި ގަދަވެފައި މިވަނީ ބްރެޑްއާއި އޭނާގެ ކުރީގެ އަންހެނުން އެންޖެލީނާ ޖޯލީގެ ވަރީގެ މައްސަލަ ކޯޓުން ނިމުނުތާ ހަފްތާއެއް ނުވަނީސް އެވެ.

ހަބަރުތައް ބުނާ ގޮތުގައި ބްރެޑް މިވަގުތު ހުރީ އެންޖެލީނާއާ ކުރި ދިގު "ހަނގުރާމައިން" އަރައިގަނެ ދިރިއުޅުމުގައި ކުރިއަށްދާން ބޭނުންވެފަ އެވެ. އެހެން ކަމުން އިނެސްއާ ކައިވެނި ކުރުމަކީ އެކަމަށް އެޅޭ އެންމެ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި ބްރެޑް ދެކޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގާތްގަނޑަކަށް 8 އަހަރުގެ ދިގު ކޯޓު މަރުހަލާއަކަށްފަހު ބްރެޑްއާއި އެންޖެލީނާގެ ވަރީގެ މައްސަލަ ކޯޓުން ނިމުނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ދެ އަހަރު ދުވަހުގެ ކައިވެންޏަކަށްފަހު 2016 ވަނަ އަހަރު ވަރިއަށް ހުށައެޅި އެ ދެމީހުން 2019 ވަނަ އަހަރު ވަރިވި ނަމަވެސް މުދާ ބެހުމުގެ ކަންކަން 2024 ވަނަ އަހަރާ ހަމައަށް ކުރިއަށްދިޔަ އެވެ. އެ ދެމީހުން އެކުގައި ހަ ކުދިން ހިއްސާކުރެ އެވެ.