މުސްލިމުން ނިކަމެތިކޮށް އަނިޔާވެރިވި ދެ ވެރިން ކަމުގައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ސީރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ އާއިލާއަށް ކެންސަރު ބަލީގެ ހަމަލާއިން ސަލާމަތެއް ނުވެވުނެވެ.
ފަލަސްތީނުގެ ބައިލައްކައަށް ވުރެ ގިނަ އަޚުންނާއި އުޚުތުން ޝަހީދުކޮށް މުސްލިމު ގިނަ ގައުމުތަކަށް ހަމަލާ ދެމުންދާ ޔަހޫދީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ޕްރޮސްޓޭޓް ކެންސަރުޖެހި ދަނީ ފަރުވާ ހޯދަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުން އުމުރުން 75 އަހަރުގެ ނަތަންޔާހޫ އަށް ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ ޔުރިނަރީ އިންފެކްޝަން އަކާއި ގުޅިގެން ހެދި ޓެސްޓުތަކުންނެވެ. އެއަށްފަހު އޭނާ ވަނީ އެކަމާއި ގުޅިގެން ސާޖަރީއެއް ހަދާފަ އެވެ.
މީގެ އިތުރުން އެތައް އަހަރެއް ވަންދެން ސީރިޔާގެ ނިކަމެތި ރައްޔިތުންނަށް އަނިޔާވެރިވި އެ ގައުމުގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ އަންހެނުން އަސްމާ އަސަދުވެސް ގެންދަނީ ރަޝިޔާގެ މޮސްކޯގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ.
އިނގެރޭސިވިލާތުގައި ދިރިއުޅޭ ސީރިޔާގެ އާއިލާއަކަށް އުފަން އަސްމާއަށް ޖެހިފައިވަނީ ކެންސަރުގެ ބާވަތެއް ކަމަށްވާ ލިއުކީމިއާ އެވެ. އޭނާ އެބަލިން ސަލާމަތްވާނެކަމުގެ އޮތީ 50-50 ޗާންސެއްކަމަށް ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭނާ 2019 ގައި އުރަމަތީގެ ކެންސަރަށްވެސް ފަރުވާ ހޯދާފައިވެ އެވެ.
ނުފޫޒުގަދަ މި ދެ ވެރިންނަކީ އިސްލާމީ އުންމަތަށާއި މުސްލިމުންނަށް އެތައް ވޭނަކާއި ތަކުލީފެއް ދީފައިވާ އަދި މިހާރުވެސް ދެމުންދާ ބައެކެެވެ.
އެގޮތުން އިޒްރޭލުން ހުއްޓުމެއް ނެތި ޣައްޒާއަށް ހަމަލާދެމުން ދާއިރު އާ އަހަރުގެ ފުރަތަމަ ދުވަހުވެސް ވަނީ 8 މުސްލިމުން ޝަހީދުކޮށްލާފަ އެވެ. ބައްޝާރުގެ ވެރިކަމުގައި ގިނަ އަދަދެއްގެ ބަޔަކު ޖަލަށްލާ ލާއިންސާނީ އަނިޔާދީ މަރާލާފައިވެ އެވެ.