ކެނެޑާގެ ބޮޑުވަޒީރުކަން ނުވަ އަހަރު ކުރެއްވުމަށްފަހު މަގާމުން އިސްތިއުފާން ދެއްވަން ނިންމެވިކަން ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިއުލާނު ކުރައްވައިފި އެވެ.
ޓުރޫޑޯ މިކަން އިއުލާން ކުރެއްވީ ނޫސްވެރިންނާ ބައްދަލުކުރައްވައި އިއްޔެގެ ވަގުތެއްގަ އެވެ.
އޭނާ ވިދާޅުވީ ކެނެޑާގައި ވެރިކަން ކުރާ ލިބަރަލް ޕާޓީން އާ ލީޑަރަކު ކަނޑައެޅުމާ އެކު ޕާޓީގެ ލީޑަރުންކަމުންނާއި ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާނެކަމަށެވެ. މީގެ އިތުރުން ޓުރޫޑޯ ވަނީ 24 މާޗް އާ ހަމައަށް ޕާލިމެންޓް ސަސްޕެންޑް ކުރެވޭނެކަންވެސް އިއުލާން ކުރައްވާފަ އެވެ.
ޓުރޫޑޯގެ މަގުބޫލުކަން ކުޑަވެ، ނެގި ވޯޓްތަކުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާއިރު، އަމިއްލަ ޕާޓީ ތެރޭގައިވެސް ވަނީ ކޯޅުން ބޮޑުވެފަ އެވެ. އޭނާ އިސްތިއުފާ ދެއްވަން ނިންމެވީ ލިބަރަލް ޕާޓީން އެކަމަށް ކުރަމުންދިޔަ ޕްރެޝަރާއި އެކުކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ފެޑެރަލް އިންތިޚާބުތަކުގެ ކުރިން، ޓްރޫޑޯ ބަދަލު ނުކޮށްފިނަމަ ލިބަރަލް ޕާޓީން އިންތިޚާބު ކާމިޔާބުކުރުމަށް އިތުރު ދަތިތަކެއް ކުރިމަތިވަމުންދާނެކަމަށް އެ ޕާޓީން ދެކެއެވެ.
53 އަހަރުގެ ޓްރޫޑޯ ވަނީ އޭނާގެ ލިބަރަލް ޕާޓީގެ ތެރެއިން އިސްތިއުފާދިނުމަށް ގޮވާލުންތަކާ ކުރިމަތިލާންޖެހިފަ އެވެ. މިކަން އިތުރަށް ގޯސްވީ ޑިސެމްބަރު މަހު ޑެޕިއުޓީ ބޮޑުވަޒީރު ކްރިސްޓިއާ ފްރީލޭންޑް ކުއްލިއަކަށް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އާންމުކޮށް ޝާއިޢުކުރެވުނު އިސްތިއުފާގެ ސިޓީއެއްގައި، ފްރީލޭންޑް އިޝާރާތްކުރެއްވީ އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވި ޑޮނަލްޑް ޓްރަމްޕްގެ ކެނޭޑިއަން މުދަލަށް ޓެރިފް ނެގުމުގެ އިންޒާރުތަކަށާއި، ޓްރަމްޕްގެ ހުށަހެޅުންތަކުން ކުރިމަތިވެފައިވާ ނުރައްކާތެރި ގޮންޖެހުންތަކަށް އެކަށީގެންވާ ވަރަށް ޓުރޫޑޯ ފިޔަވަޅު ނޭޅުއްވިކަމުގެ މައްސަލަ އެވެ.
ޓްރަމްޕް ވަނީ އިމްޕޯޓްކުރާ ކެނޭޑިއަން މުދަލަށް %25 ގެ ޓެކްސްއެއް ނެގުމަށް ވައުދުވެފަ އެވެ. އިޤްތިޞާދީ މާހިރުން އިންޒާރުދީފައިވާ ގޮތުގައި މިކަމުން ކެނެޑާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ.
މި މައްސަލައާއެކު އެމެރިކާގެ އާ ސަރުކާރާއި ކެނެޑާއާ ދެމެދު ވިޔަފާރީގެ ހަނގުރާމަ ގޯސްވާނެކަމަށް ވަނީ ބެލެވިފަ އެވެ.
ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ޓްރޫޑޯ މަގާމުގައި ހުންނަވާނެ މުއްދަތެއް އަދި ނޭނގެ އެވެ.
ކެނެޑާގެ ކުރީގެ މަޝްހޫރު ބޮޑުވަޒީރު ޕިއޭ އެލިއަޓް ޓްރޫޑޯގެ ދަރިކަލުން ޓުރޫޑޯ ލިބަރަލް ޕާޓީއާ ހަވާލުވެވަޑައިގެންނެވީ 2013 ވަނަ އަހަރު އެވެ. އެއަށްފަހު 2015 ވަނަ އަހަރުގެ އިންތިހާބު އެ ޕާޓީން ކާމިޔާބުކޮށް ޓުރޫޑޯ ބޮޑުވަޒީރުކަމަށް ހަމަޖެހިގެން ދިޔަ އެވެ.