މައިކްރޯސޮފްޓުން ތައާރަފް ކޮށްފައިވާ ކޯޕައިލެޓަކީ ވަރަށް ގިނަ ކަންކަމުގައި ފަސޭހަ އެހީތެރިއެކެވެ. އިންޓަނެޓުން ހޯދާލަން ބޭނުންވާ މައުލޫމާތުތައް ފަސޭހައިން އެއްތަންކޮށްލައި އަތްގާތްކޮށްލަ ދޭ އެހީތެރިޔަކަށް ފުދެ އެވެ. ކޯ ޕައިލެޓަކީ ރައްޓެއްސެކެވެ. ބައިވެރިއެކެވެ. އެހީތެރިއެކެވެ. އޭތި އުޅެނީ އެކަހަލަ ގޮތަކަށެވެ.

ރާއްޖޭގެ މަޝްހޫރު ތާރީޚީ ޝަޚުސިއްޔަތަކާ ބެހޭގޮތުން ސުވާލެއް ކޮށްލީމެވެ. އެނގޭ މިންވަރެއް ބުދިނުމަށެވެ. ސިކުންތެއް ވެސް ނަގާ ނުލާ ބޮޑު ރިޕޯޓެއް ލިޔެ ނިންމައިލައިފި އެވެ. ބުންޏެވެ. އިތުރު މައުލޫމާތެއް ބޭނުންނަމަ އަހަން ފަސް ނުޖެހޭށެވެ. ރަނގަޅަށް ފަރުވާތެރިކަމާއެކު ކިޔައިލީމެވެ. ލިޔެފައި ހުރީ ބުހުތާނު ދޮގެވެ. އެކަމަކު ރަނގަޅަށް ނޭނގޭ މީހަކަށް އެއީ ދޮގު ކަމެއް ނޭނގޭނެ އެވެ. އެހެންކަމުން މައިގަނޑު އޮޅުން ފާހަގަކޮށް މިއީ ގޯސް މައުލޫމާތު ނޫންހޭ ބުނެފީމެވެ. މައާފަށް އެދިފައި އެކަން ރަނގަޅު ކޮށްފައި އަލުން ލިޔެފި އެވެ. ރޯ މަރު ދޮގެވެ. އެ ހިސާބުން ތި ވަރަށް ތިޔަ ދޮގު ހަދަނީ ކީއްވެހޭ ބުނީމާ ދެރަވާ ގޮތަކަށް ތި ޓޮޕިކް ހުއްޓާލައިފަ އެހެން ޓޮޕިކަކަށް ދަމާ ހިނގާށޭ ބުންޏެވެ.

އާޓިފިޝަލް އިންޓެލިޖެންސަކީ މިއަދުގެ އެންމެ މުހިންމު ޓެކްނޮލޮޖީ އެވެ. އިންސާނުންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް އޭގެ ނުފޫޒު ވަނީ ފޯރާފަ އެވެ. އެއީ މިހާރު މުސްތަގުބަލުގެ ޓެކްނޮލޮޖީއެއް ނޫނެވެ. މިހާރު މިއުޅެވެނީ އެ ޓެކްނޮލޮޖީއާ އެކު އެވެ. އެއާ ނުލާނޫޅެވޭ ހިސާބަށް މިސްރާބު ހިފާފައިވާއިރު ޓެކްނޮލޮޖީގައި އަހަރެމެން މިކުރާ ދަތުރުގެ މިސްރާބާ މެދު ވިސްނާލުމަކީ ވެސް ނެތްކަމެއް ނޫނެވެ. އެހެނަސް އިންސާނުން އެއާ މެދު ވިސްނައި ފިކުރު ކުރަންޖެހޭ ފަދަ އިންގިލާބީ ޓެކްނޮލޮޖީއަކަށް އޭއައި މިވަނީ ބަދަލު ވެފަ އެވެ. އޭއައި އިން އުފައްދާ ފޮޓޯތަކާ ވީޑިއޯތަކާ ވާހަކަތަކުގެ ސަބަބުން މިއަދު އިންޓަނެޓުގައި ހަގީގަތަކީ ކޮބައިކަން އޮޅޭ ފެންވަރަށް ކަންތައް ވަނީ ގޮސްފަ އެވެ. މަތީގައި މި ހިއްސާކުރި ތަޖުރިބާ ފަދަ އެހެން މިސާލު ގެނެސް ދޭނަމެވެ.

މަސީޑީސް ބެންޒަކީ ދުނިޔޭގެ އެންމެ ފެންވަރު މަތީ އަގުބޮޑު ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ އެއް ބްރޭންޑެވެ. އުފަން ގައުމަކީ ޖަރުމަނެވެ. ދާދި ފަހުން އިންޓަނެޓުގައި ދައުރުވަމުން ދިޔަ އޭއައި އިން އުފައްދާފައި އޮތް ވާހަކައެކެވެ. ޕަންޖާބުގެ ރާޖާއަކު ލަންޑަނަށް ދިޔަ އެވެ. އެ ޒިޔާރަތުގައި މަސީޑީސްގެ ޝޯރޫމަކަށް ރާޖާ ޒިޔާރަތް ކުރި އެވެ. އެތަނުގައި ހުރި ކާރުތަކުގެ ތެރެއިން ކާރެއް ޓެސްޓުކޮށްލަން ރާޖާ އެދުމުން އެވަގުތު އެތަނުގައި ތިބި މުއައްޒަފުން އެކަމަކަށް އެއްބާރު ލުމެއް ނުދިނެވެ.

އާދައިގެ އިންޑިއާ މީހެއްގެ ގޮތުގައި ހުރުމުން އެ ކާރު ނުގަނެވޭނެ ކަމަށް ބަލާފަ އެވެ. އެހިސާބުން ރާޖާ އެނބުރި ހޮޓަލަށް ގޮސް ފުރިހަމަ ހެދުމުގައި އައުވާނުންނާއެކު ރަސްމީކޮށް އެ ފިހާރައަށް ޒިޔާރަތްކުރުމުން އެތަނުގެ ހުރިހާ މުއައްޒަފުން ރާޖާގެ ޚިދުމަތަށް ނުކުތެވެ. ރާޖާ ބޭނުންވީ އެފިހާރައިގައި އެވަގުތު ހުރި ހުރިހާ ކާރެއް ގަންނާށެވެ. އެ ކާރުތައް ގަނެގެން ގެންގޮސް ޕަންޖާބުގެ މަގުމަތީގައި ކުނިކަހަން ބޭނުން ކުރީ އެވެ.

ރީތި ވާހަކައެކެވެ. މުޅި އިންޓަނެޓުގައި ވައިރަލް ވި ވާހަކައެކެވެ. އެހެން ނަމަވެސް ހަގީގަތެއް ނޫނެވެ. ވާހަކައާ އެކު ބޭނުންކޮށްފައިވާ ފޮޓޯއަކީ ކުރީ ޒަމާނެއްގައި ލަންޑަނުގެ މަގެއްގެ މަތީގައި މަސީޑީސް ބެންޒެއްގެ ފުރޮޅާ ދިމާށް ކުރިމަތީގައި ކުނިކަހާ ފާޑުގެ ފިހިގަނޑެއް ހަރުކޮށްގެން ދުއްވާ ފޮޓޯއެކެވެ. ފޮޓޯއަކީ އަސްލެކެވެ. ބޭނުމަކީ އެދުވަސްވަރު މަގުމަތީގައި ހުންނަ މޮހޮރު ފަދަ ތޫނު ބަވަތްތަކުގެ ކުނި ބުނިން ކާރުގެ ޓަޔަރު ސަލާމަތްކުރުމެވެ.

އޭއައި ބޭނުން ކޮށްގެން އުފައްދާފައި ހުންނަ އެނޫންވެސް ހަގީގަތާ ޚިލާފު ލިއުންތަކާއި ވިޑިއޯތައް މިއަދު އިންޓަނެޓްގައި ވަނީ އާންމު އެއްޗަކަށް ވެފަ އެވެ. މަޝްހޫރު ބައެއް ޝަޚުސިއްޔަތުގެ ނަމުގައި ވެސް އެފަދަ ވިޑިއޯތައް އުފެއްދުމަކީ މިހާރު މާ ބޮޑު ކަމަކަށް ނުވުމުގެ ސަބަބުން އިންޓަނެޓުން ފެންނަ ބައެއް މައުލޫމާތުތައް ގަބޫލުކުރުމުގެ ކުރިން ރަނގަޅަށް ބަލައި އިތުރު ދިރާސާކުރަން ވަނީ ޖެހިފަ އެވެ.

އިންޓަނެޓަށް އޭއައި ތައާރަފުވުމާއެކު އެ ޕްރޮގްރާމްތަކަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށް ބައެއް ކުންފުނިތަކުން ވަނީ ދެކޮޅު ހަދާފަ އެވެ. ޚާއްސަކޮށް ބޮޑެތި ބައެއް ނޫސްތަކުން އެކަމާ ދެކޮޅު ހެދި އެވެ. ސަބަބަކީ އެ ނޫސްތަކުން ހޯދާ މައުލޫމާތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން ނޫސްތަކުން ކުރާ މަސައްކަތުގެ އަގު ވެއްޓިދާނެ ކަމުގެ ވެސް ބިރެވެ. އެހެންނަމަވެސް ނޫސްތަކަށް ވެސް އޭއައިގެ ކުރިއެރުން ހުރި ބާރުމިނާއި އެއިން އުފެދޭ ވިޔަފާރީގެ ފުރުސަތުތަކުގެ ކުރިމަތީގައި ޖެހުނީ ދީލާލާށެވެ. ނޫނެކޭ ނުބުނެވޭ ވަރުގެ ހުށަހެޅުންތަކަކާ އެކު އޭއައިގެ ޓެކް ކުންފުނިތަކުން އަންނަނީ އެމީހުންގެ ބޭނުން ފުއްދަމުންނެވެ.

ހުރިހާ ގޮންޖެހުންތަކަކާއެކު ވެސް މިއަދު އިންސާނުނަށް އުޅެންޖެހިފައި މިވަނީ އެމީހުން ފަދައިން ވިސްނާ މެޝިންތަކެއްގެ ދުނިޔެއެއްގަ އެވެ. އެޓެކްނޮލޮޖީ ދަނީ ބާރަށް ކުރިއަރަމުންނެވެ. އެއަށް ނޫނެކޭ ނުބުނެވޭ ވަރަށެވެ. އިންސާނުންގެ ސިކުނޑިއާ ކުޅެލަން މެޝިންތައް ކުރާ މަސައްކަތާއެކު އެ މެޝިންތަކުގެ ފައިދާ އެދެވޭގޮތުގައި ހިފައި ކުރިޔަށް ނުގޮސްވާން ނެތް ޒަމާނެއް މިއޮތީ ކުރިމަތިވެފައި ކަމެވެ. އެ ދިރިއުޅުމަށް ހޭނި މެޝިންތަކަށް ވުރެ ސްމާޓްވާން ނޭނގިއްޖެނަމަ އޭއައި އަހަރެމެންނަށް އޮޅުވާލާ ތަން އޮންނާނީ ދާދި ގާތުގަ އެވެ.