ހޯމް މިނިސްޓަރުގެ ބެލުމުގެދަށުން ޖިނާއީ ކުށްތަކެއް ހިނގުމުން މަގާމުގައި ނުހުރެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީއިން މެންބަރުން އިތުރުކުރުމަށް އިލެކްޝަން ކޮމިޝަނަށް ވަގު ފޯމް ހުށަހެޅި ކަމަށް އެއްބަސްވެފައި ވަނިކޮށެވެ. އަދި ވަގު ފޯމް ފުރުމުގައި ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާބޭސް އާއި ވަސީލަތްތަކާއި މުވައްޒަފުން ބޭނުން ކުރިކަމުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ.

މިކަމާއި ގުޅިގެން ޖަމީލް ކުރެއްވި އެކްސް ޕޯސްޓްގައި ވިދާޅުވީ އެއްވެސް ތަހްޒީބު މުޖްތަމަޢެއްގައި ދާޚިލީ ވަޒީރުގެ ބެލުމުގެ ދަށުން މިހާ ބޮޑަތި ޖިނާއީ ކުށްތަކެއް ހނގައި، މަގާމުގައި ނުހުރެވޭނެ ކަމަށެވެ. ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބެލުމުގެ ދަށުން އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް ނެތްކަން މިސާބިތުވެއްޖެކަމަށް ޖަމީލް ވިދާޅުވި އެވެ.

"މަނިކުފާނަށް ހަމަނިދިން ނިދޭތޯ؟ މަނިކުފާނުގެ އޮފީސްތެރޭގައި ޑިޕާޓްމަންޓުތަކުގެ ވެރިން އެކްސެސްދީ ސޮއިކޮށް ހިންގި ކަމެއްގައި ސަބަބުވެރި އެއްވެސް އިންސާނަކު މަނިކުފާނަށް މިކަމުން ރެކެވޭނެ ކަމަކަށް ނުދެކޭނެ" ޖަމީލް އިހުސާންއަށް ސުވާލު ކުރައްވާފައިވެ އެވެ.

މީގެ އިތުރުން މިނިސްޓަރު އިހުސާން ޕާޓީގެ ފޯމް ބޮޑި ހިއްޕަވައިގެން ހުންނެވިތަން ފެނިގެންދިޔައިރު، އޮފީސްތެރޭ އިނގިލިތައް ފިސްފިސްވަންދެން ފޯޖްކޮށް ސޮއިކޮށް ފިންގަޕްރިންޓް ޖަހަން ތިބިތަން ނަފީ ކުރެވޭނެތޯވެސް ޖަމީލް ވަނީ ސުވާލުކުރައްވާފަ އެވެ.

"މަނިކުފާނުގެ ޕާޓީގެ އެމްޕީންތައް، ގޭންގު ހަދައި ކުށްތަކުގައި ނޫޅޭތޯ؟ އިދިކޮޅު ޕާޓީއަށް ގޯނާކުރާއިރު، ރައްކާތެރިކަން ދެވިއްޖެތޯ؟ މަނިކުފާނުގެ މަޞްލަޙަތު އޮތް ބައެއް ވިޔަފާރިތަކަށް ނާޖާއިޒު ފައިދާ ނުދެވޭތޯ؟" ޖަމީލް ވިދާޅުވި އެވެ.

އިހުސާންގެ މައްޗަށް ފޯޖަރީ، މަކަރާއި ޙީލަތް، އަސާސީ ޙައްގު، ރައިޓް ޓު ޕްރައިވެސީ ވައިލޭޓްކުރުންފަދަ އެތައް ތުހުމަތެއް ކުރެވޭކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.

ޕީއެންސީން ވަގު ފޯމް ހުށަހެޅުމުގެ މައްސަލަ ބޮޑުވެފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރުވެސް ވަނީ ވަގަށް ޕީއެންސީއަށް ބަދަލުކޮށްފަ އެވެ.