ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އަސާސީ މުސާރަ 12،000ރ އަށްވުރެ މަތިން ލިބޭ މުވައްޒަފުންގެ އަސާސީ މުސާރައިން ދިހަ އިންސައްތަ މި މަހުން ފެށިގެން ކުޑަކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް މި މަހުން ފެށިގެން އަމަލުކުރަން ފައްޓައިފި އެވެ.
މިގޮތަށް ނިންމަވާފައިވަނީ ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ މަޤްސަދުގައި ކަމަށް ސަރުކާރުން ބުނެ އެވެ.
ފޮރިން މިނިސްޓްރީން އެ އިދާރާގެ ސިޔާސީ މުވައްޒަފުންނަށް މި ހަފްތާގައި ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީ "ހުރިހާ" އަށް ލިބިފައިވާއިރު، އެ ސިޓީގައި ބުނެފައިވަނީ 1 ޖެނުއަރީ 2025 އިން ފެށިގެން ކުރިއަށްއޮތް 2 އަހަރު ދުވަހަށް މުސާރަ ކުޑަކުރަން ނިންމަވާފައިވާ ކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒު ވަނީ ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރައްވަން ނިންމަވާ މިދިޔަ އަހަރުގެ އޮކްޓޫބަރު 23 ގައި އިއުލާން ކުރައްވާފަ އެވެ.
އެކަން އިއުލާން ކުރައްވާ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން މުސާރައާއި ގުޅޭ ގޮތުން ތިރީގައިވާ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށްވާނީ ނިންމަވާފައިވެ އެވެ:
- ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން.
- ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
- މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
މީގެ އިތުރުން ރައީސްގެ މުސާރައިގެ %50 ނުނަންގަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސަރުކާރުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރި އަދަދާއި ތަފްސީލުތައް ވަނީ ސިއްރުކޮށްފަ އެވެ. މިދިޔަ އަހަރު 2000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފައިވެ އެވެ. އޭގެ ފަހުންވެސް ސަރުކާރުން އިތުރު މީހުން ސިޔާސީ މަގާމުތަކަށް ހަމަޖައްސާފައިވާ ކަން ފާހަގަކޮށްލެވެ އެވެ.