ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ހަގީގަށް ދިވެހި ފުލުހުންނަށް ނުހޯދިގެން އެންމެ ފަހުން އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.
ހޮޅުދޫ، ނިއުލައިފް ޢުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
އެ މަރުގެ ވާހަކަ ރަށު ތެރޭގައި ހޫނުވެ ބައެއް ހަމަނުޖެހުންތައް ވެސް ވަނީ ހިނގައިފަ އެވެ. އެފަދަ ކަމެއްގައި ޒަކިއްޔާގެ ދޮށީ ދަރިފުޅު މޫސާ ރިމްޒީ ހައްޔަރުކޮށް ފަހުން ދޫކޮށްލާފައި ވެސް ވެ އެވެ. ޒަކިއްޔާގެ އާއިލާ ބައެއް މީހުންނަށް ވެސް އާއިލާގެ އެހެން މީހުން އެކި ތުހުމަތުކޮށް ގިނަ ވާހަކަތަކެއް ރަށު ތެރޭގައި ދަނީ ފެތުރެމުންނެވެ.
ފުލުހުން މިއަދު ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާއި، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.
އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއާ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ހޮޅުދޫއަށް ގޮސް، މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން މީގެ ކުރިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، ޒަކިއްޔާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި ވެއްޓިފައި އޮއްވަ އެވެ. އަދި އޭނާގެ ކަރުގައި ޒަޚަމްތަކެއް ފެންނަން ހުރި ކަމަށާއި، އޭނާ އޮތް ދިމާލުގައި ވަޅިއެއް ވެސް އޮތްކަމަށް ފުލުހުން ބުނެ އެވެ.
ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ޕެތޮލޮޖިސްޓް ޑޮކްޓަރެއް ހަށިގަނޑު ބަލާފައިވާކަން ފާހަގަކުރައްވަމުން ފުލުހުން ވިދާޅުވެފައިވަނީ އޭނާ މަރުވީ ކަރަށް ލިބިފައިވާ ޒަޚަމްތަކުން ތަހުގީގަށް އެނގޭ ކަމަށެވެ.