އިމްޕޯޓު އެކްސްޕޯޓުން މިދިޔަމަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އިމްޕޯޓު އެކްސްޕޯޓުން މިދިޔަމަހު ދައުލަތަށް ލިބުނީ 301 މިލިޔަން ރުފިޔާ އެވެ. މިއަދަދަކީ 2023 ވަނަ އަހަރުގެ މިމުއްދަތުގައި ލިބުނު 332 މިލިޔަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު 6.5 އިންސައްތަ ދަށް އަދަދެކެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެންބަރުމަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ އަދަދު އިތުރުވެފައިވެ އެވެ. އެގޮތުން 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ދިވެހިރާއްޖެއަށް 5.1 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރުމަހު މިއަދަދު ވަނީ 5.8 ބިލިޔަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 13.7 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، ސިންގަޕޯ، ޗައިނާ، އިންޑިއާ އަދި މެލޭޝިއާއިން ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި މި ގައުމުންތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.
މިދިޔަ ޑިސެންބަރުމަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތައް:
- ޔޫއޭއީ - 1479 މިލިޔަން ރުފިޔާ
- ސިންގަޕޯ - 925 މިލިޔަން ރުފިޔާ
- ޗައިނާ - 846 މިލިޔަން ރުފިޔާ
- އިންޑިއާ - 675 މިލިޔަން ރުފިޔާ
- މެލޭޝިއާ - 472 މިލިޔަން ރުފިޔާ
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ރާއްޖެއަށް 250 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހު މި އަދަދުވަނީ 116 މިލިޔަން ރުފިޔާއަށް ދަށްވެފަ އެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ އިންގިރޭސިވިލާތް، ތައިލޭންޑް، ވިއެޓްނާމް، ޖަރުމަން އަދި ޖަޕާނަށް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ޤައުމުތައް:
- އިނގިރޭސިވިލާތް - 42 މިލިޔަން ރުފިޔާ
- ތައިލޭންޑް - 22 މިލިޔަން ރުފިޔާ
- ވިއެޓްނާމް - 13 މިލިޔަން ރުފިޔާ
- ޖަރުމަން - 10 މިލިޔަން ރުފިޔާ
- ޖަޕާން - 5 މިލިޔަން ރުފިޔާ
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ މަހުގެ ބާވަތްތަކެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައިން އެކްސްޕޯޓްކުރީ މަސްދަޅެވެ. އެއީ މުޅި ޖުމްލަ 48 މިލިޔަން ރުފިޔާ އެވެ.