މިދިޔަ އަހަރު ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 62 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކުގެ މާލީހިސާބުތަކުން ދައްކާ ގޮތުން ޑިސެމްބަރު މަހުގެ ޔޫޒަބަލް ރިޒާވް ވަނީ އޭގެ ކުރީ މަހަށް ވުރެ 16 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. އެގޮތުން ނޮވެމްބަރު މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 46 މިލިއަން ޑޮލަރު ކަމަށް ވާއިރު، އޭގެ ކުރީ މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 32 މިލިއަން ޑޮލަރެވެ. އެއީ މިދިޔަ އަހަރު ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ މަހެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ޔޫޒަބަލް ރިޒާވްގައި އެންމެ ބޮޑު އަދަދެއް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެމަހު ރިޒާވްގައި 128 މިލިއަން ޑޮލަރު ހުއްޓެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެމްއެމްއޭ އިން ވަނީ ޔޫޒަބަލް ރިޒާވްގެ އަދަދު ކަނޑައަޅާ ގޮތަށް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ކުރިން ޔޫޒަބަލް ރިޒާވްގެ އަދަދު ކަނޑައަޅަނީ އޮފިޝަލް ރިޒާވް އެސެޓުން ޕްރީ-ޑިޓާމައިންޑް ޝޯޓް-ޓާމް ނެޓް ޑްރެއިންސް އުނި ކުރުމަށްފަހު އެވެ. ނަމަވެސް އެ ބަދަލާއެކު، ފަހުން އެ ހިސާބު ހަދާއިރު އޮފިޝަލް ރިޒާވް އެސެޓަށް ފޮރިން ކަރެންސީ ރިޒާވް ވެސް އެއްކުރެ އެވެ.

އެމްއެމްއޭގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި ހުރީ 588.6 މިލިއަން ޑޮލަރެވެ. އެއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި އަދަދަށް ވުރެ 7.4 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. އެ އަހަރު ނިމުނު އިރު ޖުމްލަ ރިޒާވްގައި ހުރީ 581.2 މިލިއަން ޑޮލަރެވެ.

ބަޖެޓް ފޮތުގައިވާ ގޮތުން މިއަހަރު ޖުމްލަ ރިޒާވްގެ އަދަދު 705 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.