ފަލަސްތީނުގެ ރައްޔިތުން އަވައްޓެރި ޤައުމުތަކަށް ބަދަލުކުރުމަށްފަހު، ހަނގުރާމައިގައި ވީރާނާވެފައިވާ ޣައްޒާ ސަރަހައްދު އެމެރިކާގެ ބެލުމުގެ ދަށަށް ގެންނަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕްގެ މި ޕްލޭން ހާމަކުރެއްވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ނަތަންޔާހޫ އަންގާރަ ދުވަހު ވައިޓް ހައުސްއަށް ވަޑައިގެންނެވީ ދެފަރާތުގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަށެވެ.
ޓްރަމްޕް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން "ޣައްޒާއިން ފުރައިގެން ދިއުމަށް ވަރަށް ބޮޑަށް އެދޭނެ" ކަމަށެވެ. މިއާއެކު ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ހުސްކުރުމުގެ ކެމްޕޭނަކަށް ޓްރަމްޕް ތާއީދުކުރައްވާފާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދުދެމުން ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާގެ ޕްލޭންތަކަކީ މެދު އިރުމަތީގެ ހަމަނުޖެހުމަށް ރާވަމުންދާ ރޭވުމެއް ކަމަށެވެ. އަދި ޣައްޒާ ސަރަހައްދުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މި ޕްލޭންތައް ކުރިއަށް ގެންދިއުމަށް ހުއްދަނުދޭނެ ކަމަށް ބުނެފައިވެ އެވެ.
ޓްރަމްޕްގ ޕްލޭންއާއިނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ ޣައްޒާގެ އާބާދީ އެހެން ތަނަކަށް ބަދަލުކޮށް ފަލަސްތީނު ސަރަޙައްދު ތަރައްޤީކުރުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނަކީ "ނަސްލީ ސާފުކުރުމެއް" ކަމަށެވެ.
ނަތަންޔާހޫގެ ޒިޔާރަތާ ދެކޮޅަށް އެމެރިކާގެ ވޮޝިންގްޓަން ޑީސީ ގައި މުޒާހަރާކުރި ބަޔަކު ވަނީ "ހަނގުރާމައިގެ ކުށްވެރިއެއް" ވައިޓް ހައުސްއަށް ގެނައުމަށް ޓްރަމްޕް ދަޢުވަތުދިން ކަމަށް ބުނެ ފާޑުކިޔާފަ އެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކުރި ހިސާބުތަކަށް ބަލާއިރު، އިޒްރޭލުން ޣައްޒާގައި ކުރި ހަނގުރާމައިގައި 61،700 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.