ޓޮމް ކުރޫޒްގެ އެންމެފަހުގެ ފިލްމު މިޝަން: އިމްޕޮސިބަލް - ދަ ފައިނަލް ރެކޮނިން ފިލްމަށް މަތިންދާބޯޓުގެ ސްޓަންޓްތައް ކުރިއިރު، އޮކްސިޖަން މަދުވުމުގެ ސަބަބުން ހޭނެތުނު ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 62 އަހަރުގެ އެކްޓަރު އެކްޝަން ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމުގައި އީތަން ހަންޓްގެ ރޯލް އަދާކުރާއިރު، މި ފިލްމު ސިލްސިލާ ފިލްމުތައް ފާހަގަކޮށްލެވެނީ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތަކާ ކުރިމަތިލައި ސަލާމަތްވާ އެކްޝަން ފިލްމުތަކެއްގެ ގޮތުގަ އެވެ.
"މަތިންދާބޯޓަކުން ބޭރަށް މޫނު ނެރޭއިރު، ގަޑިއަކު 120 އިން 130 މޭލުގެ ބާރުމިނުގައި ދަތުރުކުރަމުންދާއިރު، ހަށިގަނޑަށް ބޭނުންވާވަރަށް އޮކްސިޖަން ނުލިބޭނެ، އެހެންވީމާ އަހަރެން ނޭވާލާން ދަސްކުރަން ޖެހުނު. ބައެއް ފަހަރު އަހަރެން ހޭނެތޭ ހިސާބަށް ދިޔަ،" ކްރޫޒް އެމްޕަޔާ މަޖައްލާއަށް ބުނެފައިވެ އެވެ.
ކުރީގެ މިޝަން: އިމްޕޮސިބަލް ފިލްމެއްގައި ކްރޫޒް ވަނީ ދުބާއީގެ ބުރުޖު ޚަލީފާއަށް އެރުމާއި ދުއްވަމުންދިޔަ ރޭލެއްގެ މަތީގައި ޝޫޓުކުރުން ފަދަ ކަންކަން ކޮށްފައިވެ އެވެ. ނަމަވެސް މެއި މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ފިލްމުގައި ހިމެނޭ މަންޒަރުތަކުގެ ސަބަބުން ކަންބޮޑުވެ ހޮޑުލަވާ ހިސާބަށް ދިޔަ ކަމަށް ފިލްމުގެ ޑައިރެކްޓަރު ކްރިސްޓޮފާ މެކްކުއަރީ ބުނެފައިވެ އެވެ.
އޭނާ ބުނީ މި ފިލްމުގައި ނޭވާ ހިފަހައްޓާލަންޖެހޭ ގިނަ މަންޒަރުތަކެއް ހުންނާނެ ކަމަށެވެ.
މިޝަން: އިމްޕޮސިބަލް - ދަ ފައިނަލް ރެކޮނިން އަކީ މި ގިނަ ދުވަސްވީ ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު ކަމަށް ވެދާނެ ކަމަށް ވާހަކަދެކެވެމުންދާއިރު، ކްރޫޒް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައިނުވެ އެވެ.