ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ދެ ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ ފުރަތަމަ ބެޗް މިއަދު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.
މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ވެކްސިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި ހަވާލުކޮށްދެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް، ޚާއްސަކޮށް ވެކްސިނޭޝަން ޕްރޮގްރާމަށް، ޗައިނާ ރައްޔިތުންގެ ފަރާތުން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށް ޝުކުރު ދަންނަވާފަ އެވެ. އަދި ޗައިނާގައި އުފައްދާ ވެކްސިން އަކީ އެންމެންނަށް ލިބޭނެ ވެކްސިންއެއްކަން ކަށަވަރު ކޮށްދެއްވާ ކަމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް އާއި ޗައިނާ ސަރުކާރަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
ހަމައެއާއެކު ވެކްސިން ގެނައުމުގައި އެހީތެރިވި ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ ކުންފުނިތަކަ ށްވެސް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާ އާ ދެމެދު އޮންނަ ގާތް ބަދަހި ގުޅުން ފާހަގަކުރައްވައި، ޗައިނާއިން ހަދިޔާކުރި ދެ ލައްކަ ޑޯޒް ވެކްސިނަކީ މި ގުޅުމުގެ ރަމްޒެއް ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމްގެ އިތުރުން ކޮވިޑްގެ ސަބަބުން ދިމާވި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމުގައި ވެސް ޗައިނާއިން އެހީތެރިވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ޗައިނާގެ ވެރިރަށް ބެއިޖިން އިން މާލެ އަށް މި ވެކްސިން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ފްލައިޓް ޗާޓަރުކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ. މިގޮތަށް ނިންމާފައިވަނީ ވެކްސިން ވީ އެންމެ އަވަހަށް ރާއްޖެއަށް ގެނައުމުގެ ބޭނުމުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ.އޭ) އިން ސިނޮފާމް ވެކްސިން ބޭނުންކުރުމުގެ އިމަޖަންސީ އެޕްރޫވަލް ދީފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އަދި ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެއަށް ގެނެސްފައިވަނީ އޭގެ 10 ދުވަސް ފަހުން، ރޭގެ ވަގުތެއްގަ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި އަވަހަށް ވެކްސިން ގެނައުމުގެ މަގުސަދަކީ ރާއްޖޭގައި މިހާރު ކުރިއަށްދާ ވެކްސިނޭޝަން ޕްރޮގްރާމް މެދު ނުކެނޑި ކުރިއަށް ގެންދިޔުމެވެ.
އެ މިނިސްޓްރީން ބުނީ ޗައިނާއިން ހަދިޔާކުރި ދެ ލައްކަ ޑޯޒްގެ ދެވަނަ ބެޗް މިމަހުގެ 30 ވަނަ ދުވަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވެކްސިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ދެއްކެވި ވާހަކަފުޅުގައި ޗައިނާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
މިރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.