ހޮލީވުޑްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ ދެފުށް ދެގޮތްކަން މީޑިއާއަށް ފެންމަތިވެ ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަން ފަށައިފި އެވެ.

ކާންޔޭއަށް ފާޑުކިޔުން އަމާޒު ވެފައި މިވަނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ކުރީގެ އަންހެނުން ކިމް ކާޑޭޝަންއާ މެދު ކަންތައް ކުރި ގޮތާއި މިހާރުގެ އަންހެނުން ބިއަންކާ ސެންސޮރީއާ ދެމެދު ކަން ކުރި ގޮތް ތަފާތު ވުމުންނެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ މީގެ ހަ އަހަރު ކުރީގެ މެޓް ގާލާ އިވެންޓްގައި ނަގާފައިވާ ވީޑިއޯގައި ފެންނަނީ ކިމް ބޭނުންކުރި ގަޔަށް ބާރު ހެދުމާ ބެހޭގޮތުން ކާންޔޭ ނުރުހުން ފާޅުކުރާ މަންޒަރެވެ.

އެ ވީޑިއޯގައި ކިމް ލައިގެން ހުރި ނިވާކަންކުޑަ ހެދުމާމެދު އޭނާ ހިތްހަމަނުޖެހޭ ކަމަށާއި ފާޅުކަން ބޮޑު ހެދުންލުމަކީ އޭނާ ނުރުހޭ ކަމެއް ކަމަށް ވެސް ކާންޔޭ ބުނެ އެވެ.

އެހެން ނަމަވެސް މިއަހަރުގެ ގްރެމީ އެވޯޑުގެ ތެރެއިން ކާންޔޭއާއި އޭނާގެ މިހާރުގެ އަންހެނުން ބިއަންކާގެ ފަރާތުން ފެނިގެންދިޔައީ އެ ވާހަކަތަކާ މުޅިން ތަފާތު ކަމެކެވެ.

އެ ހަފްލާއަށް ބިއަންކާ ގޮސްފައިވަނީ ވަރަށް ނިވާކަން ކުޑަ އަޚްލާގީ މިންގަނޑުތަކަށް ނުފެތޭ ހެދުމެއް ލައިގެންނެވެ. ބިއަންކާއާއެކު ކާންޔޭ ދިޔައިރު އެކަން އޭނާ ހުއްޓުވާފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.

ބިއަންކާގެ ހެދުން ބޮޑު މައްސަލަ ގަނޑަކަށްވެ މާ ގިނައިރުތަކެއް ނުވެ ގްރެމީ އިންތިޒާމުކުރާ ފަރާތުން ވަނީ އޭނާ އެ ސަރަހައްދުން ބޭރުކޮށްފަ އެވެ.