ހޮލީވުޑްގެ މަޝްހޫރު ތަރި ވިލް ސްމިތުގެ މައްޗަށް ކުރެވިފައިވާ އަގުބޮޑު ކޮޕީރައިޓް ދައުވާއަކުން އޭނާ ސަލާމަތް ވެއްޖެ އެވެ.
2019 ވަނަ އަހަރު ރިލީޒް ކުރެވުނު "ޖެމިނީ މޭން" ބޮކްސް އޮފީހުގައި ނާކާމިޔާބުވިއިރު އެ ފިލްމުގެ ވާހަކައަކީ ހުއްދަނެތި ބޭނުންކޮށްފައިވާ ވާހަކައެއް ކަމަށް ބުނެ ވާހަކަ ލިޔުންތެރިއެއް ކަމަށްވާ ކިސިންގާ ސަބަންޑާ ވަނީ ވިލްއަށް ދައުވާ ކޮށްފަ އެވެ.
އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ކޯޓު އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ވިލްގެ މައްޗަށް ކުރެވިފައިވާ ކޮޕީރައިޓްގެ ދައުވާއަކީ އެއްވެސް ހަގީގަތެއް ނެތް ދައުވާއެއް ކަމަށް ނިންމާފަ އެވެ.
"ޖެމިނީ މޭން"އަކީ ކިސިންގާގެ ފޮތެއް ކަމަށްވާ "ދަ ރިޓާން އޮފް ޖިލްބްރެލްޓާ"ގެ މައްޗަށް ހަދާފައިވާ ފިލްމެއް ކަމަށް ބުނެ އޭނާ ވަނީ ވިލްގެ އިތުރުން ވެސް ފިލްމުގެ ޕްރޮޑިއުސަރުންގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދަން 170 މިލިއަން ޑޮލަރުގެ ދައުވާ ކޮށްފަ އެވެ.
މި މައްސަލައިގައި ވިލްގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ކޯޓުން ބޭރުކޮށްލި ނަމަވެސް ދައުވާގައި ދެން ބައިވެރިވާ މީހުންގެ މައްޗަށް އަދިވެސް އަޑުއެހުންތައް ކުރިއަށްދާނެ އެވެ.
މާކެޓިންގެ ހަރަދުތައް ނުލާ 138 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ޖެމިނީ މޭންއަށް ބޮކްސް އޮފީހުން ލިބިފައިވަނީ 178 މިލިއަން ޑޮލަރެވެ. އެއާއެކު އެ ފިލްމު ވެފައިވަނީ ވިލްގެ މަދު ނާކާމިޔާބު ފިލުމުތަކުގެ ތެރެއިން ފިލްމަކަށެވެ.