ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އަށް ބޭނުންވާ ތެޔޮ ގަތުމަށް ދަ ހޯކްސް ކުންފުންޏާ ހަވާލުކުރީ ބޮޑު ޑީލެއްގެ ދަށުންކަން "ހުރިހާ"އަށް އެނގިއްޖެ އެވެ.

ސިފްކޯއަށް ބޭނުންވާ ތެޔޮ މިހާތަނަށް ގަންނަމުން އައިސްފައި ވަނީ އެސްޓީއޯ މެދުވެރިކޮށެވެ. ނަމަވެސް ކުއްލިގޮތަކަށް ވަނީ "ބޮޑު ޑީލެއް"ގެ ދަށުން ތެޔޮގަތުމަށް ހޯކްސްއާ ހަވާލުކޮށްފައެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު ވަނީ "ހުރިހާ"އަށް އެކަން ހިނގިގޮތް ކިޔައިދީފަ އެވެ.

އޭނާ ކިޔައިދިންގޮތުގައި އެސްޓީއޯ އުފެދުނީއްސުރެ އެ ކުންފުނިން ސިފައިންނަށް ތެޔޮ ގަތުމަށް ހަދާފައިވާ ތާރީހީ އެއްބަސްވުން ބާތިލްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އެއްބަސްވުން ބާތިލްކުރުމަށްފަހު ސިފްކޯއަށް ތެޔޮ ވިއްކާގެ ބަޔަކު ހޯދަން އިއުލާންކުރި އެވެ. އެ އިއުލާނާ ގުޅިގެން އެކަމަށް ޝައުގުވެރިކަންފާޅުކޮށް ކުރިމަތިލީ އެންމެ ކުންފުންޏަކުންނެވެ. އެއީ ހޯކްސް އެވެ. ސިފައިންނަށް ތެޔޮ ވިއްކައިގެން އެތައް ޒަމާނެއްވަންދެން ފައިދާވަމުން އަންނަ އެސްޓީއޯއިން އެކަމަށް ކުރިމައްޗެއްނުލަ އެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން

ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މި މުއާމަލާތުގައި އިސްކޮށް އުޅުއްވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފްކަން "ހުރިހާ"އަށް ވަނީ އެނގިފަ އެވެ.

މިޑީލް ފެށުނީ ކިހިނެތް؟

އޭނާ ކިޔައިދިންގޮތުގައި މިއީ ދުރާލާ ރާވައިގެން ހިންގާފައިވާ ބޮޑު ކޮރަޕްޝަންގެ އަމަލެކެވެ. މިކަން ފެށުމަށްޓަކައި ޑިފެންސް މިނިސްޓަރު ޣައްސާން ނޭޝަނަލް ސެކިޔުރިޓީ ކައުންސިލަށް ހުށަހެޅީ އެމްއެންޑީއެފްގައި ތެޔޮ ރިޒާވެއް ގާއިމްކުރުމަށެވެ. އަދި އެކަން ކުރަން ސިފްކޯއާ ހަވާލުކުރަން އެ ހުށަހެޅުމުގައިވެ އެވެ. ޣައްސާންގެ އެ ހުށަހެޅުން އެ ކައުންސިލުން ފާސްކުރި އެވެ. އެއަށްފަހު ދެން ކުރީ ތެޔޮ ވިއްކާނެ ބަޔަކު ހޯދަން އިއުލާނެވެ. އިއުލާން ކުރަން އެންގެވީ ވެސް ސީދާ ޑިފެންސް މިނިސްޓަރު ޣައްސާނެވެ.

ހޯކްސްގެ ތެޔޮ އުފުލާ ބޯޓެއް ދަތުރުކުރަނީ. ފޮޓޯ: ހޯކްސް

"ބައްލަވާ. ދައުލަތުގަ އެކަން ކުރާނެ ބަޔަކު ތިއްބައި ބިޑަށް ލާންޖެހޭ ސަބަބަކީ ކޮބައިތޯ،"

ބިޑަށް ހުޅުވާލުމުން އެސްޓީއޯއިން އެކަމަށް ކުރިމަތިނުލުމުން ވެސް މިއީ ދުރާލައި ރޭވިގެން ކުރި ކަމެއް ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރަށް ބާރު ލިބެ އެވެ.

ސިފްކޯއަށް ތެޔޮގަތުމަށް ހޯކްސްއާ ހަވާލުކުރީ އަހަރަކު 100 މިލިއަނާއި 120 މިލިއަނާ ދެމެދުގެ ފައިސާ އެ ކުންފުންޏަށް ދޭގޮތަށެވެ.

"މިކަންކޮށްފައި ވަނީ ޣައްސާނާއި އަލީ އާރިފަށް މަންފާ ލިބޭގޮތަށް. މިއީ ރޯމާ ދުވާލު ހިންގި ބޮޑު ޖަރީމާއެއް،" "ހުރިހާ"އާ ވާހަދެއްކި މީހާ ކިޔައިދިނެވެ.

ރާއްޖޭގައި ފުޅާދައިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ވިލާ ހަކަތައަށް ވެސް މިފަދަ އިއުލާނެއް ކުރިކަން ނޭނގެ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް

ހޯކްސް އިން ތެލުގެ ވަގު ވިޔަފާރިކުރާ ކަމަށް ވެސް ދާދިފަހުން ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ކުރިއެވެ. އެގޮތުން ހޯކްސްގެ ބޯޓެއް ސޯމާލިއާގެ އަސްކަރީ ފަށުގައި ހަރަކާތްތެރިވަމުންދިޔަ ލޮކޭޝަން އެނގޭ ފޮޓޯތަކެއް ދާދިފަހުން ސޯޝަލް މީޑިއާގައި އާންމުވި އެވެ.