އަންނަ ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ގާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުން މި އެލަވަންސް ދޭން ނިންމިއިރު، ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ސަރުކާރަށް އަންގާފައިވެ އެވެ.

އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް އެލަވަންސް ދެ މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ވޯޓުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައި ވަނީ އެ ޤާނޫނުގެ ދަށުން ރަށްތަކާއި ސިޓީތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ. އެގޮތުން އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތު އިތުރަށް ތަފްސީލުކޮށް މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުފަދަ ކަންކަން ކައުންސިލްތަކާއި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭއިން ހަމަޖައްސައިދިނުމުގެ އުސޫލުތަކާއި، މާލީގޮތުން ދިމާވާ ދަތިތައް ހައްލުކޮށް، ކައުންސިލްތަކުން ދޭ ފައިސާ ދޭނެ ގޮތާއި އެ ފައިސާ ޚަރަދުކުރާނެ ގޮތުގެ އުސޫލުތައް މި އިސްލާހުގައި ވަނީ ބަޔާންކުރައްވާފަ އެވެ.

މި އިސްލާހުގެ ދަށުން އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ލަފާގެމަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައަކާއެކު ރަމަޟާން މަހުގެ އެލަވެންސް ވެސް ދޭންޖެހޭނެ އެވެ. އެގޮތުން، މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އެލަވެންސް ނުލިބޭ ކޮންމެ މެންބަރަކަށް އެ އެލަވެންސްގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ވަނީ ބަޔާންކޮށްފަ އެވެ.

ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމުގެ އިތުރުން ޑަބްލިއުޑީސީތަކުގެ މަސްއޫލިއްޔަތު ތަފުސީލުކޮށް ގާނޫނުގައި ހިމަނަން މި ބިލުގައި ހުށަހަޅާފައިވެ އެވެ.

އަންނަ ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެ ކަމުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.