ހޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ސެލީނާ ގޯމޭޒްއާއި އޭނާގެ ބައިވެރިޔާ ބެނީ ބްލޭންކޯގެ ގުޅުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ސެލީނާގެ މަންމަ ކަމަށް ހަބަރުތައް ބުނެފި އެވެ.

މިފަހުން ސެލީނާއާއި ބެނީ އެކުގައި ދިން އިންޓަވިއުއެއްގައި އެ ދެމީހުން ވަނީ އެމީހުން އެންމެ ފުރަތަމަ ބައްދަލުވި ގޮތާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

"އެހާ ރަނގަޅަކަށް ހަނދާނެއް ނެތް. އޭރު އަހަންނަށް ވާނީ 16 ނުވަތަ 17 އަހަރު،" ބައްދަލުވި ގޮތާ ބެހޭގޮތްން ވާހަކަ ދައްކަމުން ސެލީނާ ބުންޏެވެ.

ސެލީނާއަށް ރައްދު ދެމުން ބެނީ ބުނެފައިވަނީ އެ ދެމީހުންގެ އެންމެ ފުރަތަމަ ބައްދަލުވުން ރޭވީ ސެލީނާގެ މަންމަ މޭންޑީ ޓީފޭ ކަމަށެވެ.

ބެނީ އިތުރަށް ބުނީ އެމީހުންގެ ގުޅުން ފުރަތަމަ ފެށުނީ ރަހުމަތްތެރިންގެ ގޮތުގައި ކަމަށާއި ދެމީހުން އެހެން މީހުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ވެސް އެ ރަހުމަތްތެރިކަން އޮތް ކަމަށެވެ.

"އަހަންނަށް އެއްވެސް ވަރަކަށް ނޭނގޭ އޭނާގެ (ސެލީނާ) ހިތުގައި ރަހުމަތްތެރިކަން ފިޔަވައި އެހެން އެއްވެސް އެއްޗެއް އޮތް ކަމެއް" ބެނީ ބުންޏެވެ.

2023 ވަނަ އަހަރުގެ ތެރޭގައި ލޯބީގެ ގޮތުން ގުޅުނު ސެލީނާއާއި ބެނީ ވަނީ މިދިޔަ ޑިސެމްބަރު މަހު އެންގޭޖްވިކަން އިއުލާން ކޮށްފަ އެވެ.