ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން ބަލަހައްޓަމުން އައި އައިސް ޕްލާންޓްތަކެއް އަތުލާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިިޓެޑް (މިފްކޯ)އާ ހަވާލުކޮށްފި އެވެ.

މީގެ ކުރިން ފެނަކައިން ބަލަހައްޓަމުން އައި 14 އައިސްޕްލާންޓް ހިންގުން ރަސްމީކޮށް މިފްކޯ އާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

މިކަމާ ގުޅިގެން މިފްކޯއިން ބުނިގޮތުގައި، އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖިނިއަރިން ޓީމްތަކުން ހުރިހާ އައިސް ޕްލާންޓްތައް މުޅިން އޮޕަރޭޝަނަލް ކެޕޭސިޓީއަށް އަލުން އާރާސްތުކުރުމުގެ މަސައްކުރަމުން އަންނަ ކަމަށެވެ.

މި ބަދަލަކީ، މިފްކޯގެ ހިދުމަތުގެ ގާބިލުކަން ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މިބަދަލުގެ ސަބަބުން، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި އެންމެންގެ ފަރާތުން އެއްބާރުލުން ލިބޭކަން ފާހަގަކުރެވޭ ކަމަށް މިފްކޯ އިން ބުނެފައިވެ އެވެ.

ފިޝަރީޒު މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވާ ގޮތުގައި އައިސްޕްލާންޓްތައް ފެނަކައާ ހަވާލު ކުރުމަކީ ވަރަށް ދެރަކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެގޮތުން މި މަހުގެ 15 ގައި ހުރިހާ އައިސްޕްލާންޓެއް ހުންނާނީ މިފްކޯގެ ބެލުމުގެ ދަށުގައި ކަމަށް މީގެ ކުރިން ޝިޔާމް ވިދާޅުވެފައިވެ އެވެ.

ފެނަކައަށް ގެއްލުން ވާތީ އައިސްޕްލާންޓްތައް ހިންގުން އެ ކުންފުނިން މިދިޔަ އަހަރު ތެރޭގައި ހުއްޓާލައިފައި ވަނިކޮށް އެ ޕްލާންޓްތައް މިފްކޯއާ ހަވާލުކޮށްފައި މިވަނީ މަސްވެރިންނަށް މަހަށް އަޅަން އައިސް ނުލިބޭތީ ބާނާ މަސް ކިރެންދެން ރައްކާކުރާނެ ގޮތެއް ނެތި އުކާލަން ޖެހިފައިވާކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.