އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން އެސްޓްރާޒެނެކާއިން ވަނީ ނުވަ މަސްދުވަހުގެ ތެރޭގައި ކޮވިޑް-19 އަށް ވެކްސިނެއް ހަދާފަ އެވެ. ނަމަވެސް އެންމެ މައްސަލައަކާ ހެދި އެ ވެކްސިނާމެދު ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.
ހަބަރު ލިބޭ ގޮތުގައި ސުވިޑަންގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ދަ އެންގްލޯ އިން ވަނީ އެސްޓްރާޒެނެކާއިން ވަނީ އޮޅުމެއްގެ ތެރޭގައި ކްލިނިކަލް ޓަރަޔަލްގެ ތެރޭގައި ވޮލެންޓިއަރުން ތަކަކަށް ވެކްސިންގެ ދެބައިކުޅަ އެއްބައި ޑޯޒް ދީފަ އެވެ. އަދި ހުއްދައަށް އެދި ހުށަހެޅިއިރު މި ކަން ވަނީ އެ ކުންފުނީގެ ބަޔާނުގައި ނުހިމަނާ ފޮރުވާފަ އެވެ. މިހެން ކަމުން އެމެރިކާގެ ރެގިއުލޭޓަރުން ވެކްސިންގެ ޑޭޓާގެ ސައްހަކަމާމެދު ސުވާލު އުފައްދަ އެވެ. އަދި ޔޫރަޕުގެ ގައުމުތަކަށް ވެކްސިން ލިބިދިނުމުގައި ލަސްތަކެއް އުޅޭތީ އީޔޫގެ ލީޑަރުންގެ މެދުގައި ވެސް ދެބަސްވުންތަކެއް އުފެދިފައިވެ އެވެ.
"އެސްޓްރާޒެނެކާއަކީ ތެދުވެރިކަމާއެކު ވާހަކަތައް ހާމަނުކުރާ ކުންފުންޏެއް. އެހެން ކަމުން އެ މީހުންނަށް ބަރޯސާއެއް ނުކުރެވޭ،" ޔޫރަޕިއަން ޕާލިމެންޓްގެ ބެލްޖިއަމްގެ މެންބަރެއް ކަމަށްވާ ވާ ފިލިޕް ލެމްބާޓް ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
އެސްޓްރާ ޒެނިކާ އިން ވަނީ ބުރާސްފަތި ދުވަހު ޑޭޓާ އަޕްޑޭޓްކޮށް އެ ވެކްސިންކީ ކޮވިޑް-19 އާއި ދެކޮޅަށް 76 ޕަސެންޓް މަސައްކަތް ކުރާ ވެކްސިނެއް ކަމަށް ބުނެފަ އެވެ.
މިދިޔަ ހަފުތާގެ ކުރީ ކޮޅުގައި އެ ކުންފުނިން ބުނެފައި ވަނީ ކޮވިޑާ ދެކޮޅަށް އެ ވެކްސިން 79 ޕަސެންޓް މަސައްކަތް ކުރާ ކަމަށެވެ.
މީގެ ކުރީގައި ވެކްސިން ހެދުމުގެ މާބޮޑު ތަޖުރިބާއެއް ލިބިފައި ނުވާ އެސްޓްރާޒެނެކާއިން ކޮވިޑާ ދެކޮޅަށް ވެކްސިން ހަދަން ނިންމީ ބަލިމަޑުކަން ފެށުމުންނެވެ. އަދި އެ ކުންފުނީގެ ވެކްސިން ކާމިޔާބުވެ އިނގިރޭސިވިލާތުން އިމަޖެންސީ ހާލަތުގައި އެ ވެކްސިން ދިނުމުގެ ހުއްދަ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ދީފައިވެ އެވެ. އަދި އޭގެ އެއް މަސް ފަހުން ޔޫރަޕިއަން ޔޫނިއަން އިން ވެސް މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވެ އެވެ.
ނަމަވެސް ވެކްސިން ލިބުމުގެ ކުރިން ވެސް އެސްޓްރާޒެނެކާ އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅި ޑޭޓާއާމެދު ސުވާލު އުފައްދާފައިވެ އެވެ.
މިގޮތުން ވެކްސިން އުފެއްދުމުގައި ދިމާވި އޮޅުމަކާ ގުޅިގެން، ޓްރަޔަލްގައި ބައިވެރިވި ބައެއް މީހުންނަށް ތަފާތު ޑޯޒްތަކެއް ދެވި، ވެކްސިންގެ އިފެކްޓިވްނެސް އާ ގުޅޭ ގޮތުން އޮޅުންތަކެއް އަރާފައިވެ އެވެ. ނަމަވެސް މިކަމުގެ މައުލޫމާތު އެސްޓްރާޒެނެކާ ހާމަކޮށްފައިނުވާތީ މިހާރު އެ ކުންފުނީގެ ޓްރާންސްޕޭރެންސީއާ ބެހޭ ގޮތުން ސުވާލު އުފެދިފައިވެ އެވެ.
މިދިޔަ ޖެނުއަރީ މަހު ޖަރުމަނުގެ ވެކްސިން ކޮމިޝަނުން ބުނެފައި ވަނީ އެސްޓްރާ ޒެނިކާ ވެކްސިން ޓްރަޔަލްގައި 65 އަހަރުން މަތީ މީހުންގެ ޑޭޓާ މަދުވުމުން 65 އަހަރުން މީހުނަށް މި ވެކްސިން ޖެހުން ރަގަޅު ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންވެ ފްރާންސުން ވެސް ވަނީ 65 މަތީ މީހުންނަށް މި ވެކްސިން ޖެހުން މަދުކޮށްފަ އެވެ. ނަމަވެސް މިމަހު މި ދެ ގައުމުން ވެސް ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
އެސްޓްރާޒެނެކާއިން ބުނިގޮތުގައި އެ މީހުންގެ ކްލިނިކަލް ޑޭޓާއިން 65 އަހަރުން މަތީ މީހުންނަށް ވެސް ވެކްސިން އަސަރުކުރާނެ އެވެ. އަދި ޖެނުއަރީ މަހުގައި އެ ކުންފުނީގެ ސީއީއޯ ވިދާޅުވެފައި ވަނީ 18-55 އަހަރުގެ މީހުންނަށް ވެކްސިން ޖެހުމަށް ފަހު އޭގެ އެދެވިގެންވާ ވަރުގެ ގިނަ ޑޭޓާ ލިބުމުގެ ކުރިން އުމުރުން ދުވަސްވީ މީހުން އެޓްރަޔަލްގައި ބައިވެރި ކުރުވަން އޮކްސްފޯޑްގެ ސައިންޓިސްޓުން ބޭނުން ނުވީ ކަމަށެވެ.
ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން ރަނގަޅަށް ބާރުމިނުގައި ކުރިއަށް ދާނަމަ މިފަދަ ކަންކަމަކީ އެހާ ބޮޑު ކަންކަން ކަމަށް ނުބަލައި ގައުމުތަކުން ވެކްސިން ޖެހުމުގައި ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިހާރު ވެސް ޔޫރަޕުގެ ގިނަ ގައުމުތަކުން ދަނީ ވެކްސިން ލިބުން ލަސްވުމާ ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ.
އެސްޓްރާޒެނެކާ އިން ވަނީ 15 ގައުމެއްގެ 20 ޕާޓްނަރުންނާ ގުޅިގެން ޑަޒަނަކަށް ވުރެން ގިނަ ސަޕްލައި ޗެއިންތައް ވެކްސިން އުފެއްދުމަށް ތައްޔާރުކޮށްފަ އެވެ. -- ސީއެންއެން