މާތްވެގެންވާ ރަމަޟާން މަހަށް ވަގުތު ކުޑަތަން ވެފައިވާއިރު މި ދުވަސްވަރު މުޅި ރާއްޖޭގައި އޮތީ މާހެފުމުގެ ހަރަކާތްތަކެވެ. އާއިލާ ފެންވަރުގައާއި ރައްޓެހި އަވަށްޓެރިންގެ ފެންވަރުގަ އެވެ. އޮފީސް ފެންވަރުގައާއި ރަށު ފެންވަރުގަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ގުޅުވައިގެން ދިވެހިންގެ މެދުގައި އޮންނަ މާހެފުމުގެ ސަގާފަތުގެ ތާރީހަށް ބަލާލާއިރު މިހާރު އެކަން ކުރެވެމުން އަންނަ ގޮތާ ވަރަށް ތަފާތެވެ.

ތާރީހު ދިރާސާ ކުރައްވާ އާދަމް އަބްދުއް ރަހްމާން (އާދަންބެ)އާ ހަވާލާދީ ދިވެހި ނޫހެއްގައި ބުނެފައިވާ ގޮތުގައި މާ ހެފުމަކީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަށް އޭރު ގެންގުޅުނު އަޅި އުނދުންތައް އާކުރާއިރު ކުރިއަށްދާ ހަރަކާތެކެވެ.

އެގޮތުން ޝައުބާން މަހުގެ 29 ވަނަ ދުވަހު އަޅިއަށް ފެން ޖަހައި މޮޑެގެން އެ އުނދުން ތައްޔާރު ކުރުމަށް ކޮންމެ ގެއަކުން ވެސް މަސައްކަތް ފަށަ އެވެ.

މި މަސައްކަތް ކުރާ ދުވަހު ގޭގައި ކާއެއްޗެހި ރޯފިލުވޭނެ ގޮތެއް ނޯންނާނެތީ އަދި މަސައްކަތް ފެށުމުގެ ކުރިން ރޯފިލުވި ނަމަވެސް ދުވަހުގެ ފަހުބަޔަށް ކާތަކެތި ކުނިވާނެތީ އެ ދުވަހުގެ ކެއުމަކަށް އޮންނަނީ ކާއެއްޗެހީގައި މާ ލައްވައިގެން ކެއުމެވެ.

އެގޮތުން ހެނދުނުގެ ނާސްތާއަށާއި މެންދުރުގެ ކެއުމަށް ހަނޑޫ، ޒުވާރީ އަދި ގޮދަން ފަދަ އެއްޗެހީގައި މާ ލައްވައިގެން ކެއުމަށް ބޭނުންކުރި އެވެ.

މިތަކެތީގެ އިތުރުން ވެސް ލުއި ކެއުމުގެ ގޮތުގައި ބޭނުންކުރެވޭ މަސް ކާށްޓާއި ކަދުރުގެ އިތުރުން އާރެހަކީ ވެސް އެދުވަހުގެ ކެއުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އާދަންބެ ބުނި ގޮތުގައި މާހެފުމުގެ އަސްލު ބޭނުމަކަށްވީ އުނދުންތައް ހަދަން ވަގުތު ހޯދުން ކަމަށާއި އެއީ ވަރަށް އާދައިގެ ގޮތަކަށް ފެށިގެން އައި ކަމެކެވެ.

އަޅި އުނދުން ގޭސް އުނދުނަށް ބަދަލުވެ މާހެފުމުގެ ބޭނުން ކެނޑިފައި އޮތަސް އެކަން މިހާރު އަހަރުމެންގެ މެދުގައި އޮތީ ރޯދަ މަހުގެ ސަގާފަތްތަކާ ގުޅިފައިވާ ކަމެއްގެ ގޮތުގަ އެވެ.

އެގޮތުގެ މަތިން މިއަހަރުވެސް ރޯދަ މަސް ބޯމަތިވެފައިވާއިރު އެކި ފެންވަރުގައި މާހެފުންތަކަށް ލިބޭ ދައުވަތުތައް މިވަނީ އިތުރުވެފަ އެވެ.