ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ޓޯކަންއެއް މެދުވެރިކޮށް ނެގޭނެ ގޮތް ހަދައިފި އެވެ.

ސިޓީ މިނިސްޓްރީ ވަނީ ކިޔޫ ދިގުވެ މީހުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވުމުން މަސްދަޅު ކޭސް ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެކަމަށް ހާއްސަ ޕޯޓަލްއެއް، ހަދައިފަ އެވެ.

މި ޕޯޓަލްގައި ހިމެނޭ ކޯޑު ސްކޭންކޮށްގެން މިއަދު 6:00 ގެ ފަހުން މަސް ދަޅު ކޭސް ނަގަން ބޭނުންވާ މަރުކަޒަކާއި ވަގުތު އިހުތިޔާރުކޮށް ޓޯކަންއެއް ނެގޭނެ އެވެ.

ސިޓީ މިނިސްޓްރީން ބުނީ މިއަހަރުގެ ރަމަޟާންމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ދެން މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 8:00 އިން 12:00 އަށް ކަމަށެވެ. ސަބަބަކީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ސިޓީ މިނިސްޓްރީން ބުނީ މިއަހަރުގެ ރަމަޟާންމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދުކުރާ މަސްދަޅު ކޭސް، ހުރިހާ ގޭބިސީއަކަށް ލިބެންދެން ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

މަސްދަޅުކޭސް ދޫކުރާނެ ތަންތަނާ ދޫކުރާނެ ޓޯކަންގެ އަދަދު:

  • މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން
  • އެމްޓީސީސީ ސޯމިލް: 200 ޓޯކަން
  • ހެންވޭރު ދަނޑު: 100 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 1: 50 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 2: 50 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 3: 50 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 4: 50 ޓޯކަން
  • ސޯޝަލް ސެންޓަރު: 100 ޓޯކަން
  • ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން
  • ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިން: 100 ޓޯކަން
  • ހުޅުމާލެ – ޕޮލްކޯ ޓަވަރު (ސީ ބްލޮކް): 100 ޓޯކަން
  • ހުޅުމާލެ – ހިޔާ ޓަވަރު 10: 100 ޓޯކަން
  • ހުޅުމާލެ – ކާމިލްދީދީ ޕްރީސްކޫލް: 100 ޓޯކަން

މަސް ދަޅުކޭސް ބަލައި ދާއިރު އެ ފަރާތެއްގެ އައިޑީކާޑާއި އެއްމަހުގެ ކަރަންޓު ބިލް ގެންދަން ޖެހެ އެވެ. އަދި، އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ، (3 މީޓަރަށް) 3 މަސްދަޅު ކޭހެވެ.

ފުރަތަމަ ދުވަހު ވެސް މާލެ ސަރަހައްދުގެ 9،394 ގޭބީސީއަކަށް މަސްދަޅު ކޭސް ބަހާފައިވާ ކަމަށް ސިޓީ މިނިސްޓްރީން ބުނެ އެވެ.