ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މީގެ ފަސް މަހެއްހާ ދުވަސް ކުރިން މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރުގެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ނޭޝަނަލް އިންޓަގިރިޓީ ކޮމިޝަނުން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި އެ މައްސަލަ ބަލަން ފެށީ ޒަކިއްޔާގެ މަރުގެ ތަހުގީގަށް ފުުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ އާންމުން ފުލުހުންނަށް ތުހުމަތުކުރަމުން ދާތީ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ސެޕްޓެމްބަރު 10 މަރުވި ޒަކިއްޔާގެ މައްސަލަ ތަހުގީގު ކުރުމުގައި ގާނޫނާއި ގަވާއިދުގެ ބޭރުން އެއްވެސް ކަމެއް ފުލުހުން ކޮށްފައިވޭތޯ އެންއައިސީން ބަލާނެ ކަމަށެވެ.
އެންއައިސީއިން މި މައްސަލަ ބަލާ ކަމަށް ބުނެފައި ވާއިރު ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ހޮޅުދޫ ރައްޔިތުން އިހުތިޖާޖު ކުރާތާ 5 މަސް ދުވަސް ވަނީ ވެފަ އެވެ. އަދި އެ ރަށުގެ ރައްޔިތުން ހާމަކުރާ ގޮތުގައި ޒަކިއްޔާގެ މަރުގައި އެހެން ބައެއްގެ ބައިވެރިވުން އެބަ އޮތް ކަމާ ހެކި ނެތުނީ ފުލުހުންގެ އިހުމާލުން ކަމަށެވެ. އެގޮތުން ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ސަރަހައްދު ދޫކޮށް ފުލުހުން ދިއުމުން ހެކި ނެތުމަށް ފުރުސަތު ހުޅުވިގެން ދިޔަކަމަށް އެ ރަށު ރައްޔިތުން ބުނެ އެވެ.