ސޯޝަލް މީޑިއާގައި މީހުން ކިޔަމުން އަންނަ ފާޑުކިޔުންތަކުގެ ސަބަބުން ބޮލީވުޑްގެ މަޝްހޫރު ޅެންވެރިޔާ ޖާވިދު އަހްތަރު ރުޅިގަދަވެއްޖެ އެވެ.
ދާދި ފަހުން އިންޑިއާއާއި ޕާކިސްތާނު ބައްދަލުކުރި ކްރިކެޓް މެޗު އިންޑިއާއިން ކާމިޔާބު ކުރުމުން ޖާވިދު ވަނީ އިންޑިއާގެ ކްރިކެޓް ޓީމަށް މަރުހަބާ ކިޔައި އެކްސްގައި ޓްވީޓެއް ކޮށްފަ އެވެ.
އެހެން ނަމަވެސް އެ ޓްވީޓަށް ކޮމެންޓްކުރި ބައެއް މީހުން ވަނީ އޭނާއަށް ފުރައްސާރަކޮށް އެކި ކަހަލަ ކޮމިއުނިސްޓް ބަސްތައް އަމާޒު ކޮށްފަ އެވެ.
"ހިއެއް ނުވޭ މިކަމާ އުފާވާނެ ހެނެއް. އަސްލު ވަރަށް ހިތާމަ ކުރަން ދޯ؟" އިންޑިއާގެ މަސްރަހާ ބެހޭގޮތުން ޖާވިދު ކުރިން ކޮށްފައިވާ ޓްވީޓްތަކަށް އިޝާރާތްކޮށް މީހަކު ބުނެފައިވެ އެވެ.
އޭގެ ރައްދުގައި ޖާވިދު ބުނެފައިވަނީ ކޮމެންޓްކުރި މީހާގެ ކާބަފައިންނާ ހިލާފަށް އޭނާގެ ކާބަފައިންނަކީ އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި މީހުން ކަމަށެވެ.
މީގެ އިތުރުން ވެސް ޖާވިދަށް ފާޑުކިޔައި އެ ޕޯސްޓަށް ކޮމެންޓް ކުރި ގިނަ ބަޔަކަށް ޖާވިދު އަމިއްލައަށް ވަނީ ހޫނު ރައްދެއް ދީފަ އެވެ.
ޖާވިދުއަކީ އެކި ކަންކަމުގައި އޭނާ ގެންގުޅޭ ތަފާތު ހިޔާލުތައް ސޯޝަލް މީޑިއާގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރާ ފަރާތެކެވެ.