މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނ.ހޮޅުދޫގައި ޒަހަމަތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ފުރުސަތު ނުދިނުމަށް ރިޔާސަތުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައިގައި ފުރިހަމަވާންޖެހޭ ސިފަތައް ބަޔާންކުރާ ކަމަށެވެ. އެ ގޮތުން ކުއްލި މައްސަލައިގައި ބަޔާންކުރާ ކަމެއް ދިމާވީ ކުއްލިއަކަށް ކަމުގައިވުމަށާއި އެގޮތުން ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ ކަމަކަށްވުން އެއީ ކުއްލި މައްސަލައެއްގައި ފުރިހަމަވާންޖެހޭ ޝަރުތެއް ކަމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވުމުން ނިޒާމީ މައްސަލައެއް ނަންގަވާ މެންބަރު މުހައްމަދު އައްބާސް ވަނީ ޒަކިއްޔާ މޫސާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ ހޮޅުދޫގައި މިހާރުވެސް މުޒާހަރާ ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ޒަކިއްޔާ މޫސާ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނުތާ ގިނަ ދުވަސްތަކެއް ވީނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފަނުވެ އެވެ. އެކަމާއި ގުޅިގެން ހޮޅުދޫގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު، ރޭގެ ވަގުތެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާއި ކޮމިޝަނާ އޮފް ޕޮލިސް ވަނީ ހޮޅުދުއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ.