ފުވައްމުލައް ސިޓީގައި "މާހިފުން ދުއްވުން" މިއަދު ބާއްވައިފި އެވެ.

މާހެފުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ރޯދަ މަސް ފެށުމުގެ އެއްދުވަސް ކުރިން ބާއްވާ ޚާއްސަ ހަރަކާތަކަށް ކިޔާ ނަމެކެވެ. އާންމު ގޮތެއްގައި މިކަމުގައި އޮންނަނީ މޮޑެފައި ހުންނަ ކޮންމެ ވެސް ބާވަތެއްގެ ކެއުމަކަށް އިންސާފުކުރުން ކަމަށް ބެލެ ވެއެވެ. އެހެން ނަމަވެސް ރާއްޖޭގައި އެންމެ ވަކިން އެކަހެރިކޮށް އޮންނަ އެއް ރަށް، ފުވައްމުލަކުގައި މާހެފުން ފާހަގަކޮށް އުޅެނީ މުޅިން ތަފާތު ގޮތަކަށެވެ. އެ ރަށު މީހުން މާހެފުން ހަފަނީކީ ނޫނެވެ. "މާހިފުން" ދުއްވަނީ އެވެ.

މާހިފުން ދުއްވުމަކީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން މޫދަށް ގޮސް ފެންވަރާލުމެވެ. ފުވައްމުލަކުގައި މޫދަށް ދިޔުމަކީ ވެސް ތަފާތު ގޮތަކަށް ކުރާކަމަކަށް ވާތީ ރޯދައަށް ހިނައިގަތުމަށްޓަކައި މޫދަށް ދާ ދިއުން ވެސް ތަފާތު ވަނީ އެވެ.

ޝައުބާން މަހުގެ 29 ވަނަ ދުވަހަކީ "މާހިފުންގެ ދުވަސް" ކަމުން އެދުވަހު ވަރަށް ހެނދުނާ ކުދިވެރިން މޫދަށް ދާން ފަށާނެ އެވެ. ބޮޑެތި ފިރިހެނުން ދާނީ ގޭގައި ފިރިހެނުން ކުރަން ހުންނަ މަސައްކަތް ނިމުމުންނެވެ. އަންހެން ވެރިން ދާނީ ގޭގެ ހުރިހާ މަސައްކަތް ނިމުންނެވެ. އެހެންކަމުން އެ މީހުނަށް ދެވޭނީ ގާތްގަނޑަކަށް ހަވީރުގެ ވަގުތުގަ އެވެ.

ފުވައްމުލަކުގައި އާދަކާއެއްގެ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން ބާއްވާ "މާހިފުން ދުއްވުން" ހަރަކާތް ޑެޕިއުޓ މޭޔަރު މުހައްމަދު ފިކުރީ ފައްޓަވައިދެއްވަނީ. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުސިލް

ފުވައްމުލަކުގައި އާދަކާއެއްގެ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން ބާއްވާ "މާހިފުން ދުއްވުން" މިއަދު ހަވީރު ވަނީ އެ ސިޓީގައި ފަށާފަ އެވެ. ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ހަރަކާތުގައި އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ފުވައްމުލަކުގައި "މާހިފުން ދުއްވުން" އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔައީ ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ.

ފުވައްމުލަކުގައި އާދަކާއެއްގެ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން ބާއްވާ "މާހިފުން ދުއްވުން" ހަރަކާތުގައި އެ ރަށުގެ ގިނަ ބަޔަކު އިއްޔެ ބައިވެރިވަނީ. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުސިލް

ފުވައްމުލަކު ހިތްގައިމު ތުނޑީ ސަރަހައްދުގައި މިފަހަރު މާހިފުން ދުއްވުން ކުރިޔަށް ގެންދިޔައީ އެކިއެކި ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ހިމެނޭ ގޮތަށް ބޮޑު ބީޗް ފެސްޓިވަލެއް ގޮތަށް ދެ ދުވަހުގެ މުއްދަތަށެވެ.

"މިފަހަރު ކައުންސިލުން ފެށި މަސައްކަތަކީ މާހިފުން ރަށުގެ ލޯކަލް ފެސްޓިވަލްއެއް ގޮތަށް ބްރޭންޑް ކުރުމުގެ މަސައްކަތް.ރަށުގެ ރައްޔިތުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ކަހަލަ އިވެންޓަކަށް ހެދުން،" ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއިލް ރަފީގު "ހުރިހާ"އަށް ވިދާޅުވި އެވެ.

ފުވައްމުލަކުގައި އާދަކާއެއްގެ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން ބާއްވާ "މާހިފުން ދުއްވުން" ހަރަކާތުގައި ކުޑަކުދިންތަކެއް ބައިވެރިވަނީ. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުސިލް

މިފަހަރުގެ އިވެންޓްގައި ވާދެމުމާއި ބީޗް ވޮލީ އާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް ކުރިޔަށް ގެންދިޔަ އެވެ.