އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ ބައްދަލުވުމުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

މި ހިޔާލު ތަފާތުވުން ހިނގާފައިވަނީ ރަޝިޔާއާއި ޔުކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ދެ ލީޑަރުން ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ދުނިޔޭގެ މީޑިއާގެ ކުރިމަތީގަ އެވެ.

ޒެލެންސްކީ މި ބައްދަލުވުން އޯވަލް އޮފީހުގައި ބޭއްވުމަށް ބޭނުންވެފައިވަނީ، ތިން އަހަރު ކުރިން ޔުކްރެއިންއަށް ހަމަލާދިނުމަށް އަމުރުކުރި ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިންގެ ފަރާތަށް ނުޖެހުމަށް އެމެރިކާ ގަބޫލުކުރުވުމުގެ ފުރުސަތެއްގެ ގޮތުގަ އެވެ.

އެހެންނަމަވެސް އެމެރިކާގެ ރައީސް ޓްރަމްޕް އަދި ނައިބު ރައީސް ޖޭޑީ ވާންސް ޒެލެންސްކީއަށް ރައްދުދެއްވާ އޭނާ އިޙްތިރާމް ކުޑަކުރި ކަމަށް ބުނެފައިވެ އެވެ. މިކަމުގެ ސަބަބުން ހަނގުރާމައިގައި ކީވްގެ އެންމެ މުހިންމު ބައިވެރިޔާއާ އޮތް ގުޅުން އިތުރަށް މިވަނީ ގޯސްވެފަ އެވެ.

ޔުކްރެއިންއާއި އެމެރިކާއާ ދެމެދު ޔުކްރެއިންގެ މުއްސަނދި ގުދުރަތީ ވަސީލަތްތައް އެކުގައި ތަރައްޤީކުރުމަށް ސޮއި ކުރަން އޮތް އެއްބަސްވުމުގައި ސޮއި ކުރުންވެސް ވަނީ ހުއްޓިފައި އެވެ. މި އެއްބަސްވުމަކީ އެމެރިކާއާއެކު ޔުކްރެއިން އަށް ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް ބެލެވުނު އެއްބަސްވުމެކެވެ.

އޯވަލް އޮފީހުގައި އޮތް ބައްދަލުވުމަށްފަހު ދެ ގައުމުގެ ރައީސުން މީޑިއާތަކަށް އިންޓަވިއު ދެއްވަން ރޭވިފައި އޮތްނަމަވެސް، ބައްދަލުވުމުގައި އުފެދުނު ހިތްހަމަ ނުޖެހުމާއެކު، މީޑިއާއާ ބައްދަލުކުރުންވެސް ވަނީ ކެންސަލް ކޮށްފަ އެވެ. އަދި ޒެލެންސްކީ އެތަން ދޫކޮށް ވަޑައިގެންނެވުމަށް އެންގުނު ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މިކަމާއި ގުޅިގެން ޔޫރަޕިއަން ލީޑަރުން ވަނީ ޒެލެންސްކީގެ ދިފާޢުގައި ތެދުވެފައި އެވެ. ޖަރުމަނުގެ ޗާންސެލަރުކަމަށް ކުރިމަތިލާފައިވާ ފްރީޑްރިޗް މެރްޒް ވިދާޅުވެފައިވަނީ މި ނުރައްކާތެރި ހަނގުރާމައިގައި ހަމަލާދޭ ފަރާތާއި ޝިކާރައަކަށްވާ ފަރާތް އޮޅުވާލައިގެން ނުވާނެ ކަމަށެވެ.

ވޮޝިންގްޓަންގައި ހުރި ޔުކްރެއިންގެ ވަފުދުގެ އިސް ވެރިއެއް ރޮއިޓަރސްއަށް ބުނެފައިވާ ގޮތުގައި، ޒެލެންސްކީ ވަނީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާރކް ރުޓޭ އަދި ޔޫރަޕިއަން ޔޫނިއަންގެ ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޯސްޓާއާ ފޯނުން ވާހަކަދައްކާފަ އެވެ.ރައީސްކަމާ ހަވާލުވުމަށްފަހު ޓްރަމްޕް ވަނީ ރަޝިޔާއާ ގުޅުން ބަދަހި ކުރުމަށް ނިންމަވާފަ އެވެ. މިކަމުގެ ސަބަބުން ޔުކްރެއިން ވަނީ އިތުރަށް ނާޒުކު ހާލަތަކަށް ގޮސްފަ އެވެ. ބައްދަލުވުން އިތުރަށް ގޯސްވެގެން ދިޔައީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ހިނގާ އެންމެ ބޮޑު ހަނގުރާމަ ހައްލުކުރުމަށް ޑިޕްލޮމަސީގެ މުހިންމުކަން ވާންސް ފާހަގަކުރުމުންނެވެ. މިކަމަށް ރައްދު ދެއްވާ ޒެލެންސްކީ ވިދާޅުވީ ޕުޓިންއަށް އިތުބާރު ނުކުރެވޭނެ ކަމަށާއި، ވާންސް ޔުކްރެއިންއަށް ޒިޔާރަތް ނުކުރާ ކަމަށެވެ.

ޒެލެންސްކީ ވަނީ ޕުޓިންއާ ދޭތެރޭ ޓްރަމްޕް ގެންގުޅުއްވާ އުސޫލަށް ފާޑުވިދާޅުވެފަ އެވެ. އަދި "މީހުން މަރާ މީހަކާއެކު އެއްވެސް އެއްބަސްވުމެއް ނުހެދުމަށް" އިލްތިމާސްކުރައްވާފައިވެ އެވެ.ބައްދަލުވުމަށްފަހު ޓްރަމްޕް ޓްރޫތް ސޯޝަލްގައި ވިދާޅުވެފައިވަނީ ޒެލެންސްކީ އެމެރިކާއަށް އިޙްތިރާމް ކުޑަކުރި ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ޒެލެންސްކީ އުޅުއްވަނީ ތިންވަނަ ބޮޑު ހަނގުރާމައަށް ޖާގަ ދެއްވަން ކަމަށާއި ސުލްހަ ބޭނުންފުޅު ނުވާކަމަށެވެ.ޓްރަމްގެ ބައްދަލުވުމަށްފަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ބައްދަލުވުމުގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ހިތާމަކުރައްވާ ކަމަށާއި ނަމަވެސް މާފަށް އެދެން ދެކޮޅު ހެއްދެވި އެވެ.

2022 ވަނަ އަހަރު ޔުކްރެއިންއިން ރަޝިޔާގެ ސިފައިންއަށް ހަމަލާދީ ކީވްގެ ބޭރުން ފަހަތަށް ޖައްސައި ގިނަ ސަރަޙައްދުތަކެއް އަނބުރާ ހޯދި ނަމަވެސް، ރަޝިޔާއިން އަދިވެސް ޔުކްރެއިންގެ ފަސްބައިކުޅަ އެއްބައި ސަރަޙައްދު ކޮންޓްރޯލްކުރެ އެވެ.