ފަލަސްތީނަށް އެހީވުމަށް ކުރާ މަސައްކަތަށް އިސްރާއީލުން ހުރަސް އަޅާތީ، އެކަމާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އދ. އާއި، އެހެނިހެން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި، އެހެން ގައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އައިސީޖޭ ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވެ، މިއަދު ކޯޓަށް ލިޔުމުން ބަޔާނެއް ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލައަކީ، އދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި، އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާތައް ދެމުންގެންދާތީ، އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭ އަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ. ގެ އާންމު މަޖިލީހުގެ ގަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ.
ރާއްޖެއިން މިއަދު ހުށަހެޅި ބަޔާނުގައި، އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ ބައެއް މުއާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތައް ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލާފައިވާކަމަށް އެ އޮފީހުން ބުންޏެވެ.
އދ. ގެ މެންބަރެއްގެ ހައިސިއްޔަތުން އިސްރާއީލުގެ މައްޗަށް ޔޫއެންއާރުޑަބްލިއުއޭ ގެ މަސައްކަތްތަކާ ގުޅޭގޮތުން އޮތް ޒިންމާ ތަފްސީލުކޮށް، ޔޫއެންއާރުޑަބްލިއުއޭ ގެ މަސައްކަތްތައް ހުއްޓުވާލައި އިސްރާއިލުން އެ ޖަމިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަގްވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލާފަ އެވެ.