ހުއްދަ ނުނަގައި ކާބޯތަކެތި އިސްހާރު ކުރުން މަނާކޮށް ގަވައިދު އާންމުކޮށް އަމަލު ކުރަން ފެށުމާއިއެކު، އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ގަވައިދުގައި ނެތް އިސްތިންނާތަކެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހާމަކޮށްފި އެވެ.
އެ އޮތޯރިޓީން ރޭ ބުނެފައިވަނީ ސޯޝަލް މީޑިއާގައި ކުރާ ކާބޯތަކެތީގެ އިސްތިހާރަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށެވެ.
އެމްއެފްޑީއޭއިން މިކަން ހާމަކޮށް ބަޔާނެއް ނެރުނުއިރު، އެ އޮތޯރިޓީން މިދިޔަ މަހުގެ 20 ގައި ގެޒެޓު ކުރި ގަވާއިދުގައި ބުނެފައި އޮތީ އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރުކުރުމަށް އެދޭ ފަރާތްތަކުން އެ އިޝްތިހާރެއް އޮތޯރިޓީއަށް ހުށަހަޅައި އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ އިޝްތިހާރެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެމްއެފްޑީއޭއިން މިވަނީ ގަވައިދުގައި ނެތް އިސްތިސްނާތަކެއް ހާމަކޮށްފަ އެވެ.
އެ ބަޔާނުގައި ބުނީ ގަވައިދުގެ ދަށުން ހުއްދަ ހޯދަން ޖެހޭނީ ކާއެއްޗެހި ނުވަތަ ކާއެއްޗެހި އުފައްދަން ބޭނުންކުރާ ސާމާނުގެ މަގުބޫލުކަން އިތުރު ކުރަން ކުރާ އިޝްތިހާރު ކަމަށެވެ.
ރެސްޓޯރެންޓުތަކުގެ މެނޫ އާއި ކާބޯތަކެތީގެ ހިދުމަތް ނުވަތަ ވަކި އެއްޗެއް ލިބެން ހުރި ކަމަށް ބުނެ ގޭގައި ތިބެގެން އާމްދަނީ ހޯދަން މަސައްކަތް ކުރާ މީހުން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތައް މީގެ ތެރޭ ނުހިމެނޭނެ ކަމަށާއި އެފަދަ ޕޯސްޓުތައް އިޝްތިހާރުގެ ގޮތުގައި ފާސްކުރަން ނުޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް މިގޮތަށް ކޮށްފައިވާ ޕޯސްޓުގައި ހިމެނޭ ކާބޯއެއްޗަކީ ދެވަނަ އެއް ނެތް ނުވަތަ އެހެން ކާބޯއެއްޗަކާ އަޅައިކިޔުން ފަދަ އިބާރާތެއް ބޭނުންކޮށް އިޝްތިހާރު ކުރާ ނަމަ އެ އިޝްތިހާރު ފާސްކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ކާބޯތަކެތި އިސްތިހާރު ކުރުމުގެ ގަވާއިދު ބުނާ ގޮތުން އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިސްތިހާރު ކުރުމުގެ ކުރިން އެ އިސްތިހާރެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ހުށަހަޅައި ރަޖިސްޓްރީކޮށް ހުއްދަ ނެގުން މަޖުބޫރެވެ.
އަދި އިސްތިހާރު ކުރުމަށް ކޮންމެ އޯޑިއޯ ނުވަތަ ވީޑިއޯ އިޝްތިހާރަކަށް 1،500ރ. ނަގާނެ އެވެ. އަދި ވީޑިއޯ ނުވަތަ އޯޑިއޯ ނޫން އިޝްތިހާރުތަކަށް 1،000ރ. ނަގާނެ އެވެ.
ނަމަވެސް ފާސްކުރުމަށް ހުށަހަޅާ އިޝްތިހާރަކީ ކާބޮނޭޓަށް ޑްރިންކްސް ނުވަތަ އެނާޖީ ޑްރިންކެއް ނަމަ އެއީ، ކޮންމެ މީޑިއަމެއްގެ އިސްތިހާރެއް ކަމަށްވިޔަސް އެ އިޝްތިހާރުގެ ފީއަކީ 3،000ރ. ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.
ގަވާއިދުގެ ދަށުން އަމަލުކުރަން އަންގާފައިވާ ގަވާއިދާ ހިލާފަށް އެއްވެސް ތަނަކުން ކޮށްފިނަމަ، އެ ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައި ފުރަތަމަ ޖޫރިމަނާ ކުރަނީ 10،000ރ. އިންނެވެ. ކުށް ތަކުރާރުކޮށްފި ނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރާއިރު، ތިންވަނައަށް ކުށް ތަކުރާރު ކޮށްފިނަމަ ތިން ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ގަވައިދުގައި ވަނީ ބުނެފަ އެވެ.