ދުނިޔޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ބާއްވާ އެންމެ ބޮޑު އެއް ފެއާ، އައިޓީބީ ބާލިން 2025ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީާރުސީ) އިން ބައިވެރިވެ، ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި އެވެ.

އައިޓީބީ ބާލިން 2025ގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލް ކުރާ 200 މަންދޫބުންގެ ވަފުދެއް ބައިވެރިވެ އެވެ. މި ފެއާ ކުރިއަށް ދަނީ މިމަހުގެ 4 އިން 6 އަށް މެސީ ބާލިންގަ އެވެ.

އެމްއެމްޕީާރުސީން ބުނީ މި ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ ދުނިޔޭގެ ޓޫރިޒަމްގައި ރާއްޖެއިން ހޯދާފައިވާ މަތީ މަގާމު ދަމަހައްޓައި ޖަރުމަނު ބަހުން ވާހަކަދައްކާ ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުކުރުމެވެ.

އެމްއެމްޕީއާރްސީން ބުނީ މި ފެއާގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓުތަކާއި އެނޫން ވެސް ގައުމުތަކުގެ މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި މީޑިއާތަކާ ގުޅުން ބަދަހިވާނެ ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު ނެޓްވޯކިން އާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ބީ2ބީ އަދި ބީ2ސީ އޯޑިއަންސަށް ރާއްޖޭގެ ޓޫރިޒަމް އުފެއްދުންތައް އިޝްތިހާރުކުރުމަށް މުހިންމު ފެއާއެއްކަން އެމްއެމްޕީއާރްސީން ފާހަގަކުރެ އެވެ.

މިއަހަރު އައިޓީބީ ބާލިންގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ޓޫރިޒަމްގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ގޮތަށް 504 އަކަމީޓަރުގެ ޑަބަލް ޑެކާ ސްޓޭންޑެއް ވަނީ ފަރުމާކޮށްފަ އެވެ. އަދި ސްޓޭންޑް ފަރުމާކޮށްފައިވަނީ މީޑިއާ އަދި ޓްރެވަލް ޓްރޭޑާއެކު މީޓިންގްތައް ބޭއްވުމަށް ފަސޭހަވާނެހެންނެވެ.

ވީއައިޕީ މީޓިން ރޫމްއެއްގެ އިތުރުން ތިން އިންޑަސްޓްރީ މީޓިން އޭރިއާ ހިމެނޭއިރު، މި ހުރިހާ ތަނެއްގައި ފޮޓޯ ބެކްޑްރޮޕް އަދި 360 ޑިގްރީގެ ފޮޓޯ ބޫތު ފަދަ ހިތްގައިމު ކަންތައްތައް ހިމެނެ އެވެ. މި ސްޓޭންޑުގައި ރާއްޖޭގެ ޓޫރިޒަމާ ގުޅޭ މުހިންމު މައުލޫމާތު ހިމެނޭ ލީފްލެޓް ބެހުމާއި މީޑިއާ އިންޓަވިއުތައް ދޭނެ އެވެ. އަދި ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ޓްރެޑިޝަނަލް ކޯނަރަކާއެކު މިއީ ރާއްޖޭގެ ހިތްގައިމުކަން ދައްކުވައިދޭ ސްޓޭންޑަކަށް ވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

އައިޓީބީ ބާލިން ފެއާގައި މިފަހަރު ރާއްޖެއިން ބައިވެރިވި މީހުން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއެމްޕީއާރުސީ

މި ފެއާގައި އެމްއެމްޕީއާރުސީއިން ވަނީ އިން "ދަ ނެކްސްޓް ޗެޕްޓާ އޮފް މޯލްޑިވްސް ޓޫރިޒަމް - ބާލިން އެޑިޝަން" ގެ ނަމުގައި ހާއްސަ ސެމިނާއެއް ބާއްވައިފަ އެވެ. މި ސެމިނާގައި އާ މާކެޓް ސެގްމަންޓްތައް ހޯދުމަށާއި، ބުކިން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ސަރުކާރާއި ސިނާއަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައި މައުލޫމާތު ދީފަ އެވެ.

މިފެއާގެ ތެރެއިން ކުރިއަށް ގެންދިޔަ ވަން އޮން ވަން ބައްދަލުވުންތަކުގެ ސަބަބުން ފެއާގެ ބައިވެރިވި ދާއިރާގެ ފަރާތްތަކަށް ލިވްއަބޯޑާއި ޑައިވިން އެކްސްޕީރިއެންސް އާއި ލަގްޒަރީ ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި އާއިލީ ޗުއްޓީ ފަދަ ވަކިވަކި އުފެއްދުންތަކާއި ޕްރޮޕަޓީތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

ޖަރުމަނު ބަހުން ވާހަކަ ދައްކާ ގައުމުތަކަށް އަމާޒުކޮށް އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ކެމްޕޭންތަކުގައި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތާއި އެ މަގުން ކުރެވޭ މަސައްކަތްތަކާއި ރާއްޖެއިން ލިބޭނެ ގުދުރަތީ ހިތްގައިމު ތަޖުރިބާތައް އަންނަނީ ބުނެދެމުންނެވެ. އަދި ޖަރުމަން ބަހުން މެސެޖިން ގެނެސްދިނުމަށް ވަނީ އިސްކަން ދީފަ އެވެ. މިއާއެކު ލަގްޒަރީ މާކެޓް ސެގްމަންޓަށް ހަރުދަނާ ގޮތެއްގައި ޓާގެޓް ކުރުމަށް އެމްއެމްޕީއާރުސީއިން އެ މާކެޓުގައި ހުރި މަތީ ފަންތީގެ ބްރޭންޑްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކން އިޝްތިހާރުކުރަން ކުރާ މަސައްކަތްތަކުގެ ސަބަބުން ކަނެކްޓިވިޓީ އިތުރަށް ރަނގަޅުވެ ޖަރުމަނާއި ސްވިޒަލޭންޑް އަދި އޮސްޓްރިއާއިން އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

ޖަރުމަނުން މިދިޔަ އަހަރު 157،246 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، ޖަރުމަނަކީ ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޖަރުމަނުން 14،119 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.