މި ކޮމެންޓްތަކަކީ ވީޑިއޯކްލަބްގެ ފަރާތުން ސޯޝަލް މީޑިއާއަށް ހިއްސާކުރި ހިންތާ ސީރީޒްގެ ކުރު ވީޑިއޯކޮޅަކަށް އާންމުންގެ ފަރާތުން ލިބިފައިވާ ކޮމެންޓްތަކެކެވެ. ހައިރާނެއްނުވެ އެވެ. ސީރީޒް ރިލީޒްކުރި ދުވަހުން ފަށައިގެން ގިނަބަޔަކު އަންނަނީ މި ސީރީޒްއަށް އަދި ހާއްސަކޮށް ރާއީ އަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. ހަމަ ހަގީގަތުގައި ވެސް އެހާ އެކްޓިން މޮޅީ އެވެ. އެކްސްޕްރެޝަންތައް ފުރިހަމައީ އެވެ.
ހިންތާ މި ސީރީޒްއަކީ މިހާރު ވީޑިއޯކްލަބް ޚިދުމަތުގެ ޓްރެންޑިން އެއްވަނާގައި ފިޔަޖަހަމުންދާ ސީރީޒް އެވެ. މިހާތަނަށް 7 އެޕިސޯޑެއް ވަނީ ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފަ އެވެ. ގިނަ ބަޔަކު ވަނީ ވީޑިއޯކްލަބް މެދުވެރިކޮށް މި ސީރީޒްގެ އެޕިސޯޑުތައް ބަލާފަ އެވެ.
އެމް އޮރިޖިނަލްސް ބޭނާގެ ދަށުން ތައްޔާރުކޮށްފައިވާ މި ސީރީޒްއަކީ "އެއްކާފް"ގެ ޕްރޮޑަކްޝަނެކެވެ އަދި ޑައިރެކްޓްކޮށްފައިވަނީ ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަހުމަދު ޒަރީރެވެ. "ހިންތާ" މި ސީރީޒްއަކީ ދިވެހިންނަށް އާންމު ފިލްމާއި ސީރީޒް ޖޮންރާތަކާއި މުޅިން ތަފާތު "ކޯޕަރޭޓް ތްރިލާ" ޖޮންރާގެ ސީރީޒްއެކެވެ.
ހިންތާ އާއެކު ފިލްމީ ދާއިރާގައި ވިދަމުން އަންނަ ތަރި ރާއީގެ އިތުރުން މި ސީރީޒްގައި ލީޑް ރޯލުން ސާމީ ހުސެއިން ފެނިގެންދެ އެވެ. މިއީ ސާމީ ދިވެހި ފިލްމެއް ނޫނީ ސީރީޒްއެއްގެ ލީޑު ރޯލުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. ސާމީގެ އެކްޓިންއަށް ވެސް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. މި ދެ ތަރިންގެ އިތުރުން ފިލްމީ ދާއިރާގައި މަޝްހޫރު ނަންތައް ކަމަށްވާ ހަސަން މަނިކު، މުހައްމަދު މަނިކު، އިފްނާޒް ފިރާގް، ރަޝްފާ ފާރޫގް އަދި ތާތި އާދަމް ވެސް މި ސީރީޒުގެ އެކި ރޯލުތަކުން ފެނިގެންދެ އެވެ.
މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް މި ސީރީޒްގެ އެޕިސޯޑުތައް ބަލާލެވޭނެ އެވެ. އަދި އެމްއެސް ގްލޯބަލްއާއި އެމްއެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ސީރީޒް ބަލާލެވޭނެ އެވެ. ޓީވީ މެދުވެރިކޮށް މި ސީރީޒް ބަލާލުމަށް ވީޑިއޯކްލަބްގެ ޓީވީ ޕެކޭޖެއް އެންމެ 100ރ އަށް ނަގާލުމުން ބަލާލެވޭނެ އެވެ. އަދި ފޯނު މެދުވެރިކޮށް އެންމެ 50ރ. ގެ ޕެކޭޖަކުން މި ސީރީޒް ބަލާލެވޭނެ އެވެ.