ދައުލަތުގެ ޔޫޒބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް 179.1 މިލިޔަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ ފެބްރުއަރީގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާމް އަދި ބޭނުންކުރެވޭ ރިޒާވް ވަނީ އިތުރުވެފަ އެވެ. ރަސްމީ ރިޒާވް އަހަރު ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ހުރީ 708.1 މިލިޔަން ޑޮލަރުގަ އެވެ. މި އަދަދު ވަނީ ފެބުރުއަރީ މަހުގެ ނިޔަލަށް 832.1 މިލިޔަން ޑޮލަރަށް އިތުރުވެފަ އެވެ. މަހުން މަހަށް ރަސްމީ ރިޒާވް 124 މިލިޔަން ޑޮލަރު އިތުރުވެފައިވާއިރު، މިއީ 18 ޕަސެންޓްގެ ކުރިއެރުމެކެވެ.

ދައުލަތުގެ ރަސްމީ ރިޒާވް އިތުރުވިއިރު ބޭނުން ކުރެވޭ ރިޒާވް ވެސް ވަނީ ފެބްރުއަރީ މަހުގެ ނިޔަލަށް އިތުރުވެފަ އެވެ. އަހަރު ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 116 މިލިޔަން ޑޮލަރު ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ފެބްރުއަރީ މަހު ނިޔަލަށް މިއަދަދު ވަނީ 179.1 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއީ މަހުން މަހަށް އަޅާ ބަލާއިރު 54 ޕަސެންޓްގެ ކުރިއެރުމެކެވެ. އެގޮތުން ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ މަހަށް ބޭނުން ކުރެވޭ ރިޒާވަށް 63 މިލިއަން ޑޮލަރު ވަނީ އިތުރުވެފަ އެވެ.

ދައުލަތުގެ ރަސްމީ ރިޒާވް އަދި ބޭނުން ކުރެވޭ ރިޒާވް އިތުރުވި ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ވަނީ ފަށައިފަ އެވެ.