ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ތަލަޕަތީ ވިޖޭގެ ފަރާތުން އެ ސަރަހައްދުގެ އާއްމު މުސްލިމުންނަށް ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.
މީގެ ދެ ދުވަހެއް ކުރިން ބޭއްވި އެ ރޯދަ ވީއްލުމުގައި ވިޖޭ ވެސް ބައިވެރިވެފައިވާއިރު އެ ހަފްލާގައި އޭނާ ފެނިގެންދިޔައީ ހުދު ކުރުތާ ހެދުމެއްގައި ބޮލުގައި ތާކިހާއެއް ވެސް އަޅައިގެންނެވެ.
ވިޖޭގެ މި ރޯދަ ވީއްލުމާއެކު އޭނާއަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އައި ނަމަވެސް ބައެއް މީހންގެ ފާޑު ކިޔުން ވެސް އަންނަނީ އަމާޒު ވަމުންނެވެ.
އެގޮތުން އެމީހުން ބުނާ ގޮތުގައި ވިޖޭގެ ފަރާތުން ދިން އެ ރޯދަ ވީއްލުމަކީ އޭނާގެ ކުރިއަށް އޮތް ސިޔާސީ ހަޔާތަށް ތާއީދު ހޯދުމުގެ ގޮތުން ކުރި ކަމެކެވެ.
އެހެން ނަމަވެސް ވިޖޭގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި ތަމިލްނާޑޫގެ މުސްލިމް އާބާދީއަކީ އެންމެ ފަސް ޕަސެންޓަށްވާއިރު މުސްލިމުންގެ ތާއީދު ހޯދުމަކީ އެހާ މުހިއްމު ކަމެއް ނޫނެވެ.
ތަމަޅަ ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ވިޖޭ ވަނީ ފިލްމީ ދާއިރާ ދޫކޮށް ސިޔާސީ ދާއިރާއާ ގުޅެން އުޅޭކަން މިފަހުން އިއުލާން ކޮށްފަ އެވެ.