އަސްކޮއި ޖަމާއަތުން މި ރޯދަ މަހު އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު ނުގެންދާ ކަމަށް ބުނާ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އަސްކޮއި ޖަމާއަތުގެ މައްސަލައެއް އެ މިނިސްޓްރީން ބަލަން ފަށާފައި މިވަނީ އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު ދަތުރު ނުކުރުމަށް އެ ޖަމާއަތުން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން، ރަމަޟާންމަހުގެ ފަހު ފަނަރައާއި ޝައްވާލްމަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމުރާއަށް ދާން އެތައް ބަޔަކު އަތުން ފައިސާ ނެގުމަށްފަހު، އެ ދަތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެފައިވެ އެވެ.

ދަތުރު ކުރެވެން ނެތްކަން އަސްކޮއި ޖަމާއަތުން އެންގީ މި ރޯދަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ މެސެޖެއްގެ ޒަރިއްޔާއިން ކަމަށާއި ދެއްކި ފައިސާ އަނބުރާ ލިބޭނީ އަންނަ މަހުގެ 15ގެ ފަހުން ކަމަށް އެ ޖަމާޢަތުން ބުނެފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި އެހެން ޖަމާއަތެއް މެދުވެރިކޮށް ރަމަޟާން މަހުގެ އުމްރާއިން ޖާގަ ހޯދުމަށްފަހު ފައިސާ ދެއްކުމަށް، އަސްކޮއި ޖަމާއަތަށް ދައްކާފައިހުރި ފައިސާ އަނބުރާ ދިނުމަށް އެދުމުން އެ ފައިސާ ދީފައިނުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި ޖަމާޢާތުގެ މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާ ބެހޭ ޔުނިޓްގެ ފަރާތުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އެ މިނިސްޓްރީން ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެގޮތުން މިފަހުން ވެސް ޖަމާޢަތްތަކެއްގެ ހުއްދަ ބާތިލްކޮށް ފިޔަވަޅުއަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޢުމްރާއަށް މީހުން ގެންދިއުމުގައި ގަވާއިދާ ޚިލާފުވާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެގޮތުން، މިފަހުން މަޝްއަރު ޓުއާސްއިން ޢުމްރާއަށް ގެންދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައެއް ވެސް ފެންމަތިވި އެވެ. މި މައްސަލަ ބަލައި، އެ ކުންފުންޏާމެދު ވަނީ ފިޔަވަޅު އަޅާފަ އެވެ. އަދި އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރުމަށް ވެސް ފޮނުވާފައިވެ އެވެ.

އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރަންޖެހޭ އުސޫލުގައިވާގޮތުން ކުންފުނިތަކުން އުމްރާއަށް ދާން ފައިސާ ދައްކާ މީހުންނަށް ވައިގެ މަގުން ދެކޮޅު ޓިކެޓާއި އުމްރާއަށް ގޮސްތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ ޢުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް ހަމަޖައްސައިދޭން ޖެހޭނެ އެވެ.

މި އުސޫލާ ޚިލާފުވާ ކުންފުނިތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވެ އެވެ. އެގޮތުން، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 1،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކުންފުނި ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ހުއްދަ ނެތި އުމްރާއަށް މީހުން ގެންދާނަމަ ނުވަތަ ގެންދަން ފައިސާ ނަގައިފިނަމަ 100،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން ވެސް ހުއްދަ ހިފެހެއްޓުމާއި ހުއްދަ ބާތިލުކުރުމަކީ ވެސް ގަވާއިދާ ޚިލާފުވާ ކުންފުނިތަކާ މެދު އެޅޭނެ ފިޔަވަޅުތަކެކެވެ. އަދި ޖިނާއީ މައްސަލައެއް ނަމަ، އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހަށް ހުށަހެޅުމާއި މަދަނީ މައްސަލައެއް ނަމަ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަކީ ވެސް އެޅޭނެ ފިޔަވަޅުތަކެވެ.